ދުނިޔެ

ރަތް ކަނޑު ހަމަލާތަކުގައި އީރާންގެ އަތެއް އެބައޮތް: އެމެރިކާ

ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ ކޮންޓޭނަރު ބޯޓުތަކަށް ހޫސީން ދެމުން ގެންދާ ހަމަލާތަކުގެ މޭސްތިރި އަކީ -- ޝައްކެއް ނެތް ގޮތުގައި އީރާން ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.

ހޫސީންގެ ބާރުވެރިކަމާއި ފާޑުވެރިކަމަށް ބަލާއިރު އެމެރިކާ ބުނާ ގޮތުން އެ ވަރުގެ ހަމަލާތަކެއް އީޖާދުކޮށް ތަންފީޒުކުރުން އީރާނާ ނުލައި އެއީ ކުރެވޭނެ ކަންކަމެއް ނޫނެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ތަރުޖަމާން އެޑްރީން ވޮޓްސަން ވިދާޅުވި ގޮތުގައި ހޫސީންނަށް "އިންޓެލިޖެންސް" ފޯރުކޮށްދެނީ އީރާނުންނެވެ.

ހޫސީންގެ ހަރަކާތްތައް ގެންގުޅެން ޖެހޭ ގޮތް ކިޔައިދީ މަގުދައްކަނީވެސް އީރާނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ އީރާނުން ކިތަންމެ ނުދެނެހުރި ކަމަށް ހެދި ނަމަވެސް ހޫސީންގެ ހަމަލާތަކުގައި އީރާންގެ އަތެއް އޮތްކަން އެމެރިކާއަށް ކަށަވަރުވާ ކަމަށެވެ.

އަމަލީ ގޮތުން ބައިވެރި ނުވުމަކީ އަދި އީރާންގެ ބޮޅުން އެކަން ކެނޑިގެން ދާނެ ކަމެއް ނޫން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހޫސީންނަށް ހުރިހާ މަދަދުވެރިކަމެއް ފޯރުކޮށްދެނީ އީރާނުން ކަމަށާއި -- ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އަކީ ވެސް ޓީމް މެމްބަރެއް ކަމަށެވެ.

އެމެރިކާގެ މި ތުހުމަތަށް އީރާން ދެކޮޅު ހަދަ އެވެ. އީރާން ބުނާ ގޮތުން ރަތް ކަނޑުގައި ހޫސީން ހަރަކާތްތެރި ވަނީ އެ މީހުންގެ ޖެނެރަލުން ބުނާ ގޮތަށް އެ ޖަމާއަތުގެ އަންދާޒާ އަށެވެ.

މިސްރުގެ ސުއޭޒް ކެނަލް ތެރެއިން ރަތް ކަނޑު ހުރަސްކޮށް -- ޔޫރަޕުން އޭޝިއާއަށް ދަތުރުކުރާ އުޅަނދުތަކަށް ހޫސީން ހަމަލާދޭނެ ކަމަށް އޮތީ އިއުލާންކޮށްފަ އެވެ.

ހޫސީން ބުނާ ގޮތުން އެ ޖަމާއަތުން ހަމަލާދޭނީ ޒަޔަނިސްޓުންނާ ގުޅުންހުރި ހުޅަނދުތަކަށެވެ. އެ ނޫން އެއްވެސް އުޅަނދަކަށް އުނދަގުލެއް ނުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ރަތް ކަނޑަކީ މުދާ އުފުލާ އުޅަނދުތަކަށް ރައްކާތެރި އަމާން ވެއްޓަކަށް ހަދައިދޭނެ ކަމަށް ހޫސީން ބުނެ އެވެ. އެކަމަކު އެއީ ޒަޔަނިސްޓުންނާ ގުޅުމެއް ނެތް އުޅަނދުތަކަށް ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.

ހޫސީންގެ ހަމަލާތައް ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުވާން ފެށީ ފަލަސްތީންގެ ޣައްޒާއަށް ޒަޔަނިސްޓް ޔަހޫދީ ސަރުކާރުން ދެމުން ގެންދާ ހަމަލާތަކަށް ބަދަލުހިފުމަށެވެ.

ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާ ނުލައި ކުރިއަށް ގެންދާހާ ދުވަހެއް ވަންދެން ހޫސީންގެ ހަމަލާތައް ކޮންޓޭނަރު ބޯޓުތަކަށް އަމާޒުވާނެ ކަމަށް އެ ޖަމާއަތުން އޮތީ ބުނެ އިންޒާރު ދީފަ އެވެ.

ހޫސީންގެ ހަމަލާތައް ހުއްޓުވައި ރަތް ކަނޑު އަމާންކުރުމަށްޓަކައި އެމެރިކާއިން ވަނީ 20 ގައުމެއް ހިމެނޭ ގޮތުން އަސްކަރީ ޔުނިޓެއް އެކުލަވާލާފަ އެވެ. މި ގައުމުތަކުގެ އުޅަނދުތަކުން ވަޔާއި ކަނޑުގައި -- ހޫސީންނަށް ފާރަލައި ރައްދު ހަމަލާ ދެމުން ގެންދާނެކަން އޮތީ އިއުލާންކޮށްފަ އެވެ.