ދުނިޔެ

ހޫސީންނަށް ދޭ ހަމަލާއަކުން އެމެރިކާއަށް ކާމިޔާބެއް ނުލިބޭ: އެމެރިކާގެ އޮފިޝަލުން

ހޫސީންނާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރުމަކީ ބޭކާރު ކަމެއް ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ގުޅިފައި އޮތް ބާރުތަކުން ހޫސީންގެ އަމާޒުތަކަށް މިހާތަނަށް ދިން ހަމަލާތަކުން އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލުނުވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.

އެމެރިކާއާއި އެކުވެރި ގައުމުތަކުގެ އަސްކަރީ ބާރުތަކުން، ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންގެ މަރުކަޒުތަކަށް ހަމަލާދެނީ، ރަތް ކަނޑުގައި ދަތުރުކުރާ މުދާއުފުލާ ބޯޓުތަކަށް ހޫސީން ހަމަލާދޭތީ އެވެ.

ހޫސީންގެ ހަމަލާތައް އަމާޒުކުރަނީ ރަތް ކަނޑުން ދަތުރުކުރާ ހުރިހާ ބޯޓަކަށް ނޫނެވެ. އެ ޖަމާއަތުން ހަމަލާދެނީ އިޒުރޭލަށް މުދާއުފުލާ ބޯޓުތަކަށް އެކަންޏެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގައި ހުންނަ ހޫސީންގެ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން -- ހޫސީންގެ ހަމަލާތައް މިހާރު މި ދެ ގައުމުގެ އުޅަނދުތަކަށް ވެސް އަމާޒުކުރެ އެވެ.

ހޫސީން ވަނީ މިފަދައިން އިއުލާންކޮށް، އެމެރިކާއާއި އިނގިރޭސިވިލާތުގެ އުޅަނދުތަކަށް ހަމަލާދޭނެކަން އިއުލާންވެސް ކޮށްފަ އެވެ.

އެމެރިކާގެ ހަމަލާތަކުން ހޫސީން ވަނީ ވަރުގަދަ ކަމަށް ސީއެންއެން އިން ވެސް ބުނެ އެވެ. ހޫސީންނަށް ހަމަލާދިން ވަރަކަށް، އާ ވައްތަރުތަކުގެ ހަތިޔާރު ހޫސީން ބޭނުންކުރުން އިތުރުވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ކޮން ބައެއްކަން ހާމަކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލުން ސީއެންއެންއަށް ކިޔައިދިން ގޮތުން -- ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހޫސީން ދޭ ހަމަލާތައް ހުއްޓާލާނެ އޮތީ އެންމެ ގޮތެއް ކަމަށް އެ ޖަމާއަތުން ބުނާ ކަމަށެވެ.

އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލުމާ އެކު، އެ ޖަމާއަތުން ރަތް ކަނޑުގައި ހިންގާ އޮޕަރޭޝަން ހުއްޓާލާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއަށް އެއްވެސް އިހުތިރާމެއް ނެތި އިޒުރޭލުން ހިންގަމުން ގެންދާ ޖަރީމާތައް އަދިވެސް އޮތީ ކުރިއަށެވެ. މި ހަމަލާތަކާ ގުޅިގެން އިޒުރޭލަށް ކުރިމަތިވަމުންދާ ފިއްތުންތައްވެސް ދަނީ ކުރިއަށެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން އިރާގު، ސީރިއާ، ލުބްނާން އަދި ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކުން އެއްފަހަރާ އިޒުރޭލާ ދިމާކޮށްފިނަމަ އިޒުރޭލަށް ވަރުގަަދަ ގެއްލުންތަކެއް ދޭނެ އެވެ.