ދުނިޔެ

ޣައްޒާ ބަނޑަށް ޖައްސަނީ ބަޔަކު ރާވައިގެން: އަންރާ

ޣައްޒާގައި ދިރިއުޅޭ އާންމު ރައްޔިތުން ބަނޑަށް މަރުވަމުން އެދަނީ ގުދުރަތީ ކާރިސާއެއްގެ ސަބަބުން ނޫން ކަމަށް ފަލަސްތީނަށް އެހީދޭ އދގެ ޖަމިއްޔާ އަންރާގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވެއްޖެ އެވެ.

މިސްރުގެ ހާރިޖީ ވަޒީރު ސަމީހް ޝުކްރީއާ އެކު އެ ގައުމުގެ ވެރިރަށް ގާހިރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި އަންރާގެ ވެރިޔާ ވިދާޅުވީ ޣައްޒާ ރައްޔިތުން ބަނޑަށް މަރުވުން މަޖުބޫރު ކޮށްފައިވާ ކަމަށެވެ.

އިޒުރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ނުކުންނަން ބަޔަކު ބޭނުންވެއްޖެނަމަ ހާލަތު ބަދަލުކުރެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބޭނުންވަނީ އަޒުމު ވަރުގަދަ ސިޔާސީ ރޭވުންތެރިކަމެއް ކަމަށެވެ.

ޣައްޒާއަށް އެއްގަމާއި ވައިގެ މަގުން ކާބޯތަކެތި ފޯރުކޮށްދެމުންދާއިރު ވެސް އާބާދީއަށް އެކަށީގެންވާ ވަރަށް ތަކެތި ނުވެއްދޭ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ.

އިޒުރޭލުގެ ހަރުކަށި އަމަލުތަކާ ހެދި އެހީ ވައްދާ ލޮރީތަކަށްވެސް ދެމެހެއްޓެނިވި ގޮތުގައި ޣައްޒާއަށް އަދިވެސް ނުވަދެވެ އެވެ.

އިޒުރޭލުގެ ހަރުކަށި ޔަހޫދީންގެ ސަބަބުންވެސް އެހީދޭ ލޮރީތައް ޣައްޒާއަށް ވަނުމަށް ވަނީ ޖެހިލުންވެފަ އެވެ.

އެހީ ހޯދަން ނިކުންނަ އާންމުންނަށް އިޒުރޭލު ސިފައިން ހަމަލާދިނުމާއި އެހީ ހޯދަން ހަދާފައި އޮންނަ ކިޔޫތަކަށް ބަޑިޖެހުން ފަދަ ލާއިންސާނީ ހަމަލާތަކުގެ ސަބަބުންވެސް އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ޣައްޒާއަށް ބޭނުންވާ އެހީ ގުދަންކޮށްގެން ނޫން ގޮތަކަށް މުޅި އާބާދީއަށް ކާން ނުދެވޭނެ ކަމަށް މިސްރުގެ ހާރިޖީ ވަޒީުރ ސަމީހް ޝުކުރީ ވިދާޅުވި އެވެ.

އިޒުރޭލުގެ ހަރުކަށިކަމާ ހެދި އެފަދަ ފުރުސަތެއް އެހީދޭ ގައުމުތަކަށް ތަނަވަސްވެފައި ނުވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިސްރު އޮތީ ޣައްޒާ އާބާދުކުރަން ކެތްމަދުވެފައި ކަމަށެވެ. އެކަމަކު ހަނގުރާމައިގެ މައިދާނެއް އާރާސްތުކުރާނީ ކިހިނެއްތޯވެސް އޭނާ ސުވާލުކުރެއްވި އެވެ.