ފަލަސްތީނުން ބޭރުވާން އެދޭ މީހުންނަށް މިސްރުގެ ސީނާ އަވަށުން ޖާގަދީފިނަމަ، ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދަން ކުރެވިފައި ހުރި މަސައްކަތްތައް ހުއްޓި އޮބިގެންދާނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވެއްޖެ އެވެ.
ސީސީ ވިދާޅުވި ގޮތުގައި މިސްރު ނަމޫނާއަކަށް ބަލައި، ފަލަސްތީން މީހުން އުރުދުންއަށް އެރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން އެގޮވާލާ ގޮތަށް ޣައްޒާއިން ބޭރުކުރާ މީހުން މިސްރަށާއި އުރުދުންއަށް އަރުވައިފިނަމަ އޭގެ ފައިދާ ނަގާނީ ޔަހޫދީން ކަމަށްވެސް ސީސީ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ ސިފައިން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގެ އެއް ބޭނުމަކީ ފަލަސްތީނުން މީހުން ހުސްކުރުމެވެ.
ޔަހޫދީ ދައުލަތުގެ ދިފާއުގައި ވާހަކަދައްކާ މީހުން ޣައްޒާއަށް ގޮވާލާފައި އޮތީ އަނިޔާތަކުން ސަލާމަތްވާން ބޭނުންނަމަ ޣައްޒާ ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަކުރުމަށެވެ.
މެދުއިރުމަތި ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ޔަހޫދީންގެ މި ބުނުމަކީ ހުއްޖަތެއް ދައްކައި ޔަހޫދީން ފަލަސްތީންގެ ބިންތައް އަތުލުމެވެ.
ސީސީ ވިދާޅުވި ގޮތުގައި މިސްރުން ރަފާހް ބޯޑަރު ބަންދުކޮށް ބަހައްޓައި ފަލަސްތީން މީހުން ބަޑަށް ޖައްސަނީ ކަމަށް ބުނާ ބުނުމަކީ ދޮގެކެވެ. އޭނާ އަދި ވިދާޅުވީ ރަފާހް ބޯޑަރު ހުރީ ހުޅުވާފައި ކަމަށާއި ފަލަސްތީނަށް އެހީވުމަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޯޑަރު ހުންނާނީ ހުޅުވާފައި ކަމަށެވެ.
ޣައްޒާއަށް އެހީ ނުފޮނުވިގެން އުޅެނީ ފަލަސްތީނަށް އެހީ ހިފައިގެން މަގު ހުރަސްކޮށް އަރާ އުޅަނދުތަކަށް ޔަހޫދީ ޖެޓުތަކުން ހަމަލާދޭތީ ކަމަށްވެސް ސީސީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސްރުން ފޮނުވާ އެއްވެސް އުޅަނދެއްގައި މަދަނީ ބޭނުންތަކަށް ހާއްސަ ނޫން އެއްޗެއް ނުފޮނުވާނެ ކަމަށެވެ. އެހީ ހިފައިގެންދާ އުޅަނދުތަކުގައި ހަމާސްގެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޣައްޒާއަށް އެހީ ހިފައިން މިސްރުގެ ބޯޑަރު ސަރަހައްދުގައި ލޮރީތައް ފުނިޖެހިފައި އޮންނަތާ ހަދުވަސް ވެއްޖެ އެވެ. ނަމަވެސް ލޮރީތައް ޣައްޒާއަށް ދަތުރުކުރުމަށް ރައްކާތެރި މަގެއް އަދިވެސް ކޮށޭ ގޮތެއް ނުވެ އެވެ.