ދުނިޔެ

ޣައްޒާއަށް އެހީދޭން ރަފާ ބޯޑަރު ހުޅުވާފައި ބެހެއްޓުމަކީ އުފަލެއް: މިސްރު

ޣައްޒާއަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރަފާ ދޮރާށްޓަކީ މިވަގުތު މުހިއްމު މަގެއް ކަމަށް މިސްރުގެ ހާރިޖީ ވަޒީރު ސާމިހް ޝުކުރީ ވިދާޅުވެއްޖެ އެވެ.

ފަލަސްތީންގެ އަހުންނާއި އުހުތުންނަށް ބޭނުންވާ އެހީތެރިކަން ރަފާ ދޮރާށިން ފަލަސްތީނަށް ވައްދަން ހުއްދަ ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޓަލީގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ތާޖާނީއާ އެކު މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނަށް ބޭނުންވާ އެހީ މެދުކެނޑިފައިވާ ކަމަށެވެ.

ފަލަސްތީންގެ އާންމު ރައްޔިތުންނަށް މިއީ ތަހައްމަލުކުރަން ދަތި ވޭންގަދަ ދުވަސްތަކެއް ކަމަށްވެސް ސާމިހް ޝުކުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވޭތޯ ބައިނަލްއަގްވާމީ އިދާރާތަކާ އެކު މިސްރުން މަޝްވަރާކުރަމުންދާ ކަމަށެވެ.

ޣައްޒާއަށް އެހީ ވެއްދޭނެ ގޮތެއް އަވަސް މުއްދަތެއްގެ ތެރޭގައި ހަމަނުޖެހިއްޖެނަމަ ފަލަސްތީންގެ އާންމު ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް އދގެ ރިލީފް އެޖެންސީ އިން ވެސް އޮތީ ބުނެފަ އެވެ.

ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅިގެން ފަލަސްތީނަށް އެހީ ވެއްދޭނެ ގޮތެއް ހޯދުމަކީ މިވަތު ކުރަން އޮތް ވަރަށް މުހިއްމު މަސައްކަތެއް ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.

ޣައްޒާއަށް އެހީ ފޮނުވުމަށް އުރުދުން، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރުން ވެސް އޮތީ ތައްޔާރަށެވެ.

ތުރުކީން ވެސް ވަނީ މި މޭރުމުން ޝުއޫރު ފާޅުކޮށް ފަލަސްތީނަށް ބޭނުންވާ ހުރިހާ އެހީއަކަށް ތައްޔާރު ކަމަށް ބުނެފަ އެވެ.

ގަލްފުގެ އަރަބި ގައުމުތަކުން ފައިސާ އާއި ކާބޯތަކެތި އަދި ޑޮކްޓަރުންނާއި ބޭސް ވެސް ފަލަސްތީނަށް ފޮނުވާނެ އެވެ. ނަމަވެސް ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުން މި ކަންތައްތަކަށް މަގުފަހިކޮށްދޭން ޖެހެ އެވެ.