އީރާންގެ އަސްކަރީ އަދި މާލީ މަދަދުވެރިކަމާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން ރަތް ކަނޑުގައި މިހާރު ހިންގަމުން ގެންދާ އޮޕަރޭޝަނަކީ، އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތްތަކެއް ކަމަށް އޮތީ ބުނެފަ އެވެ.
ޔޫރަޕްގެ ގައުމުތަކުން މުދާ ބަރުކޮށްގެން އޭޝިއާ ގައުމުތަކަށް ދަތުރުކުރާ އުޅަނދުތަކަށް އޮންނަ އެންމެ ކުރު މަގަކީ، މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް އަދި ރަތް ކަނޑުން ދަތުރުކުރުމެވެ.
ރަތް ކަނޑުން ދަތުރުކޮށް ޔަމަން ފެންނަ ފަށުން އިންޑިއާ ކަނޑަށް ނިކުންނަން މިސްރާބު ޖަހާއިރު އެ ސަރަހައްދު އޮންނަނީ ހޫސީ ހަނގުރާމަވެރިންގެ އަތްމަތީގަ އެވެ.
މި ސަރަހައްދުން ދަތުރުކުރާ މުދާއުފުލާ ކޮންޓޭނަރު ބޯޓުތަކުގެ ތެރެއިން ހޫސީންގެ ހަމަލާތައް އަމާޒުކުރަނީ އިޒުރޭލާ ގުޅުހުން ހުރި -- އިޒުރޭލުގެ ވިޔަފާރިވެރިން ދުއްވާ ނުވަތަ އިޒުރޭލަށް މުދާ އުފުލާ ބޯޓުތަކަށެވެ.
އިޒުރޭލާ ގުޅުން ހުރި ބޯޓުތައް ވަކިކޮށް ހޫސީންނަށް މެސެޖު ފޯރުކޮށްދެނީ އީރާނުންނެވެ.
އިޒުރޭލު ސިފައިން ޣައްޒާއަށް ހަމަލާދޭހާ ހިނދަކު، ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށް ހޫސީން އޮތީ ބުނެފަ އެވެ.
ހޫސީންގެ މި ބުނުމަށް ގޮންޖަހައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އެ މީހުންނަށް ބައިއަތުހިފިހާ ގައުމެއް ގޮވައިގެން ގޮސް، ރަތް ކަނޑުގައި ހޫސީންނާ ދެކޮޅަށް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.
ޔަމަނުގައި ހުރި ހޫސީންގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާ އާއި އިންގިރޭސި ޖެޓުތަކުން ހަމަލާދިނުމާ ގުޅިގެން، ހޫސީން ހަމަލާދޭން ޖެހޭ ލިސްޓަށް އެމެރިކާއާ އިނގިރޭސިވިލާތް ވެސް އޮތީ އިތުރުކޮށްފަ އެވެ.
ހޫސީންގެ މި ހަމަލާތައް ހުއްޓުވަން އެމެރިކާ އާއި ބައިވެރިންނަށް ދަތިވުމާ ގުޅިގެން އެ މީހުން ވިސްނި އަނެއް ވިސްނުމަކީ އެ ޖަމާއަތަށް ރިޝްވަތު ދިނުމެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ހޫސީންނާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތައް އުވާލުމަށް އެމެރިކާއިން ވަނީ ހުށަހަޅާފަ އެވެ. އަދި ޔަމަންގެ ވެރިރަށް ސަންއާ އާއި ހައިދަރު ބަނދަރަށް އަޅާފައި ހުރި ދަތިކުރުންތައް އުވާލުމަށްވެސް ހޫސީންނަށް ހުށަހެޅި ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ރިޝްވަތު ދޭން މަސައްކަތްކުރުމުން ހޫސީން ވަނީ އެކަމަށް އިންކާރުކޮށް އަދި ރަތް ކަނޑުގެ ހަމަލާތައް ފުޅާކޮށްފަ އެވެ.
ހޫސީން އަލަށް ދޭން ފެށި ހަމަލާތަކުގައި އެމެރިކާ އާއި އިނގިރޭސި މަނަވަރުތަކަށް އަސްކަރީ ޑްރޯނުން ހަމަލާދީފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.