ޔަހޫދީ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށް ރަފާހްއަށް ވަންނަން ދިމާކުރުމުން ބަދަލެއްގެ ގޮތުގައި އިޒުރޭލާ ގުޅުން ހުރި ހުރިހާ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު، އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫސީ ޖަމާއަތުން ދީފި އެވެ.
ހޫސީންގެ ތަރުޖަމާނެއް ކަމަށްވާ އައްލާމާ މުހައްމަދު މުފްތާހް، އަލްމަސީރާ ޓީވީއަށް ވިދާޅުވި ގޮތުގައި އިޒުރޭލުން ރަފާހްއަށް ވަދެގަންނަ ތަން ބަލަން އެ ޖަމާއަތުން ނުތިބޭނެ އެވެ.
ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އިޒުރޭލުގެ އުޅަނދުތަކަށް ހަމަލާދެމުން ގެންދާ ފަދައިން އިޒުރޭލާ ގުޅުން ހުރި ބޯޓެއް ހޫސީންގެ ލޮލުކޮޅަށް ކޮންމެ ތަނަކުން ފެނުނު ނަމަވެސް ހަމަލާދޭނެ ކަމަށް އެ ޖަމާއަތުން ވަނީ ވައުދުވެފަ އެވެ.
ހޫސީން ބުނި ގޮތުން ޖެއްސުންކުރުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން އެނގެނީ ހަމައެކަނި ޔަހޫދީންނަށް ނޫންކަން މިފަހަރު ކަށަވަރުވާނެ އެވެ.
އިޒުރޭލަށް މުދާއުފުލާ އެއްވެސް އުޅަނދަކަށް ރައްކާތެރިކަން ނޯންނާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ. އަދި ޔަހޫދީއަކާ ގުޅުމެއް އޮތް ނަމަވެސް އެ އުޅަނދަކަށް ހަމަލާދެނެ ކަމަށް ވަނީ ބުނެފަ އެވެ.
މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ރަތް ކަނޑަށް ނުކުންނަ އިޒުރޭލުގެ މުދާއުފުލާ ކޮންޓޭނަރު ބޯޓުތަކަށް ނުރައްކާ އޮންނާނީ ޣައްޒާ އަށާއި ރަފާހްއަށް ޔަހޫދީން ދޭ ހަމަލާތަކުގެ ނިސްބަތުން ކަމަށްވެސް ހޫސީން ބުންޏެވެ.
ހޫސީންގެ އަސްކަރިއްޔާގެ ތަރުޖަމާން ޔަހްޔާ ސާރީ ވެސް ވަނީ މި މޭރުމުން އިޒުރޭލަށް އިންޒާރު ދެއްވައި، މެޑިޓަރޭނިއަނުން ދަތުރުކުރާ އިޒުރޭލުގެ ކޮންޓޭނަރު ބޯޓުތަކަށާއި ޔަހޫދީންގެ އަމިއްލަ ބޯޓުތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ހޫސީންގެ ބުނުމަކީ އިންޒާރަކަށް ފުދޭނެ ބުނުމެއް ކަމަށް ބަލައިގަތުމަކީ ރައްކާތެރި ކަމަށްޓަކައި ޔަހޫދީން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒުރޭލުން ހޫސީންގެ އިންޒާރު ބަލައިނުގަތް ނަމަވެސް ހޫސީންގެ އޮޕަރޭޝަންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ހޫސީންގެ ކިބައިން އިޒުރޭލުގެ އުޅަނދުތައް ހިމާޔަތްކުރަން ނިކުމެ ތިބި އެމެރިކާ އާއި އިންގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހޫސީންގެ މަރުކަޒުތަކަށް ހަމަލާއެއް ދީފިނަމަ އެއަށްވުރެ ގަދަފަދަ ހަމަލާތަކެއް އެމެރިކާއަށް ދޭނެ ކަމަށްވެސް ހޫސީން ވަނީ ބުނެފަ އެވެ.
މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދެކޮޅަށް ހަމަލާދިނުމުގެ ގާބިލުކަން ހޯދާފައި ހުރި ކަމަށްވެސް އެ ޖަމާއަތުން އޮތީ އިއުލާންކޮށްފަ އެވެ.