ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންގެ ސަބަބުން، ރަތް ކަނޑުން ދަތުރުކުރާ ކޮންޓޭނަރު ބޯޓުތައް ސަލާމަތްކުރަން އިނގިރޭސި ކަނޑުގެ ސިފައިން ރަތް ކަނޑަށް ނުކުމެއްޖެ އެވެ.
އުތުރު އެމެރިކާއާ ޔޫރަޕުން މުދާ ބަރުކޮށްގެން މިސްރުގެ ސުއޭޒް ކަނޑުއޮޅި ހުރަސްކޮށް ރަތް ކަނޑަށް ނުކުންނަ މުދާ އުފުލާ ބޯޓުތަކަށް -- ހޫސީން އަންނަނީ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ހަމަލާދެމުނެވެ.
އަދި އެއިން ބޯޓެއްގައި އިޒްރޭލުގެ މުދާހުރި ނަމަ ހޫސީންގެ ހަމަލާތައް ވަރުގަދަކުރެ އެވެ.
ހޫސީންގެ ހަމަލާތައް މަތަކުރުމަށާއި އެ ޖަމާއަތް ބަލިކޮށް ނައްތާލުމަށް އެެމެރިކާ އިސްވެ ބައިނަލްއަގްވާމީ ބާރެއް މިހާރު ވެސް ރަތް ކަނޑުގައި ހަރަކާތްތެރިވެ އެވެ.
އެމެރިކާ ބުނާ ގޮތުން ހޫސީން ބަލިކުރަން އިތުރު ގައުމުތަކުން އެހީތެރިކަން ބޭނުންވެ އެވެ. ހޫސީންގެ ރޭވުންތެރިކަން ހުންނަނީ ޖާނުން ފިދާވާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާ ގޮތަށެވެ.
ހޫސީން ބުނާ ގޮތުން އެ މީހުންގެ އެދުމަށް އިޖާބަލިބެންދެން ރަތް ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރާކަށް ނުކެރޭނެ އެވެ. އެމެރިކާ ނުވަތަ މުޅި ދުނިޔެ ރަތް ކަނޑަށް ނުކުތް ކަމަށް ވީ ނަމަވެސް ހޫސީންގެ ހަމަލާތައް ނުހުއްޓުވޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.
ހޫސީންގެ އެދުމަކީ ޔަހޫދީންގެ އަނިޔާވެރިކަމުން ފަލަސްތީން ސަލާމަތްކުރުމެވެ. އަދި މިނިވަން ދައުލަތެއް ގޮތުގައި ފަލަސްތީނަށް ހަރަކާތްތެރިވެވުމެވެ.
ޔަހޫދީ ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް އެ ގޮތުންގައި ކުރިއަށް ގެެންދާ ނަމަ ހޫސީންގެ ހަމަލާތައް ޔަހޫދީ އުޅަނދުތަކަށް އަދި އިޒްރޭލަށް މުދާ ހިފައިގެން ދަތުރުކުރާ ކޮންޓޭނަރު ބޯޓުތަކަށް އަރާނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.
ރަތް ކަނޑުގައި މިހާރު ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އަސްކަރީ ބާރުގައި އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ، ޖަޕާން، ޔޫރަޕްގެ ބައެއް ގައުމުތައް، އިންޑިއާ އަދި ސްރީލަންކާ ވެސް ބައިވެރިވެ އެވެ.
ރަތް ކަނޑަކީ ދުނިޔޭގެ އިގުތިސާދަށް ވަރަށް މުހިންމު މަގެކެވެ. ރަތް ކަނޑުން ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހަމަލާދިނުމަކީ ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ނުރައްކާ ކޮށްފާނެ ކަމެކެވެ.
ނަމަވެސް ހޫސީން ތިބީ އެ މީހުން އެދިފައި އޮތް ގޮތަށް ޣައްޒާ ހަމަލާތައް ހުއްޓާލުމަށް ދާންދެން -- ރަތް ކަނޑު ދޫކޮށް ދާ ގޮތަކަށް ނޫނެވެ. އަދި ރަތް ކަނޑުން ދަތުރުކުރާ އިޒްރޭލުގެ ހުރިހާ އުޅަނދަކަށް ހަމަލާދޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.