ދުނިޔެ

ހޫސީންނޭ ކިޔާ ބަޔަކު އުޅޭކަން ސަލާމަތީ މަޖިލީހަށް އެނގިއްޖެ

އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީންނަށް އދ ގެ ސަލާމަތީ މަޖިލީހުން އިންޒާރުދީފި އެވެ. ސަލާމަތީ މަޖިލީހުގެ އިންޒާރުގައި އޮތީ ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދިނުމަކީ ކުށެއް ކަމަށް ބުނެފަ އެވެ.

ސަލާމަތީ މަޖިލީހުން ހޫސީންގެ މައްޗަށް ގަރާރެއް ފާސްކޮށް ބުނެފައި އޮތީ އެއްވެސް ބަހަނާއެއް ދެއްކުމެއް ނެތި، ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދިނުން ހުއްޓާލުމަށެވެ.

އެ ނޫން ގޮތެއްގައި ހޫސީންނަށް އޮތީ ބައިނަލްއަގްވާމީ ގޮތުން ގުޅިގައި އޮތް އަސްކަރީ ބާރަކުން ދޭ ހަމަލާތަކާ ކުރިމަތިލުން ކަމަށާއި އިސްވެ ހަރަކާތެރި ވާނީ އެމެރިކާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޔޫރަޕާއި އުތުރު އެމެރިކާއިން އޭޝިއާ ގައުމުތަކަށް ދަތުރުކުރާ މުދާއުފުލާ ބޯޓުތައް -- މިސްރުގެ ސުއޭޒް ކަނޑުއޮޅި ހުރަސްކޮށް އަދި ރަތް ކަނޑު ވެސް ހުރަސްކުރަން ޖެހެ އެވެ.

ރަތް ކަނޑަކީ ދުނިޔޭގެ އިގުތިސާދަށް ވަރަށް މުހިންމު ވިޔަފާރި މަގަކަށް ވާއިރު، ހޫސީން ދެމުން ގެންދާ ހަމަލާތަކާ ހެދި ކޮންޓޭނަރު ބޯޓުތައް ދުއްވާ ކުންފުނިތަކަށް މިހާރު ޖެހިފައި ވަނީ ވަރަށް ދިގު މަގެއް -- އެފްރިކާ ވަށާލައި ދަތުރުކުރާށެވެ.

މިހާ ދިގު މަގެއް އިޚުތިޔާރުކުރަން ޖެހިފައި އޮތުމުން ދުނިޔެއަށް އޮތް އެންމެ ބޮޑު ބިރަކީ ކާބޯތަކެތީގެ އަގުބޮޑުވުމާއި ލިބޭ މުއްދަތު ދިގުދެމިގެން ދިއުމެވެ.

ސަލާމަތީ މަޖިލީހުން ފާސްކުރި މި ގަރާރުގައި ރަޝިއާ، ޗައިނާ، މޮޒަންބީގް އަދި އަލްޖީރިއާ ބައިވެރިއެއް ނުވެ އެވެ.

އދ ގެ މި ގަރާރަށް ފަހު ވެސް ހޫސީންގެ ފަރާތުން ދޫދިނުމެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ހަމަލާތައް ވަރުގަދަކޮށް ރަތް ކަނޑަށް ނެރޭ ޑްރޯންގެ އަދަދު އިތުރުކުރި ތަނެވެ.

ހޫސީންގެ ބުނުމަކީ ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީން ގެމުން ގެންދާ ހަމަލާތަކަށް ނިމުމެއް އަންނަންދެން ރަތް ކަނޑުގައި ދަތުރުކުރާ -- ޔަހޫދީންނާ ގުޅުން ހުރި އުޅަނދުތަކަށް ރައްކާތެރި ކަމެއް ނޯންނާނެ ކަމަށެވެ.

ކޮންޓޭނަރު ބޯޓަކުން ޔަހޫދީންނަށް މުދާ އުފުލާ ނަމަ އެ ބޯޓަކަށް ވެސް ހަމަލަދޭނެ ކަމަށް އޮތީ ބުނެފަ އެވެ.

ހޫސީން ޖަމާއަތުން އަދި ބުނީ ޔަހޫދީ ދައުލަތާ ގުޅުމެއް ނެތް ކޮންމެ ބޯޓަކަށް އަމާންކަން ދޭނެ ކަމަށެވެ. އަދި ރަތް ކަނޑު ހުރަސްކުރަން އެހީތެރިވާނެ ކަމަށެވެ.