ދުނިޔެ

ހޫސީންނާ ހެދި މިސްރުގެ އާމްދަނީ ދަށަށް

މިސްރުގެ ސުއޭޒް ކެނަލް ހުރަސްކުރާ މުދާއުފުލާ ބޯޓުތަކުން ނަގާ ފީގެ ގޮތުގައި އެ ގައުމަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަން ދަށްވެއްޖެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ ވިދާޅުވެއްޖެ އެވެ.

ސީސީ ވިދާޅުވި ގޮތުން އާމްދަނީ 40 އަދި 50 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ.

ސުއޭޒު ކެނަލުން ލިބޭ އާމްދަނީ ދަށްވާން މެދުވެރިވި ސަބަބެއް ކަމަށް ސީސީ ވިދާޅުވީ އެއީ އާޔަމަނުގައި ހަރަކާތްތެރިވާ ހޫސީ އަސްކަރިއްޔާއިން -- ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ މުދާ އުފުލާ ބޯޓުަކަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ކަމަށެވެ.

މިސްރަށް ބޭރު ފައިސާ އެންމެ ގިނައިން ވަންނަނީ ސުއޭޒު ކެނަލުންނެވެ.

ސުއޭޒް ކެނަލް އަކީ ޔޫރަޕާއި، އޭޝިއާ، ކަނޑު މަގުން ގުޅުވައިދޭ ހަނި ކަނޑުއޮޅި އެކެވެ. އެއީ ޔޫރަޕުން މުދާ ބަރުކޮށްގެން ދަތުރުކުރަން އޮންނަ އެންމެ ހަރަދު ކުޑަ މަގެވެ. އެ ނޫން ގޮތެއްގައި ބޯޓުތައް ދަތުރުކުރަން ޖެހެނީ އެފްރިކާ ބައްރު ވަށާލާފަ އެވެ.

މިސްރުގެ ރައީސް ވިދާޅުވި ގޮތުން ކޮންޓޭނަރު ބޯޓުތައް ހޫސީންގެ އަތުގައި ނުޖެހެންވެގެން މިހާރު ދަތުރުކުރަނީ ދިގު މަގުންނެވެ. އެއީ އެފްރިކާ ވަށާލާފަ އެވެ.

އެފްރިކާ ވަށާލައި ކުރާ އެއްވެސް ދަތުރަކަށް މިސްރަށް ފީއެއް ދައްކާކަށް ނުޖެހެ އެވެ.

މިސްރަށް ފީ ދައްކަން ނުޖެހުނު ނަމަވެސް އެފްރިކާ ވަށާލައި ދަތުރުކުރުމަކީ ހަރަދު ބޮޑު ކަމެކެވެ. މިހެން ކަންތައް ކުރަން ފެށުމުން މުދަލާއި ތަކެތީގެ އަގު އުފުލި އާންމުންނަށް އަތްފޯރާ ވަރު އޮންނަނީ ނުވެފަ އެވެ.

ހޫސީން ބުނާ ގޮތުން އެ ޖަމާއަތުން މުދާ އުފުލާ ކޮންމެ ބޯޓަށް ހަމަލާއެއް ނުދޭނެ އެވެ. ހަމަލާ ދޭނީ އެ ބޯޓަކުން އިޒުރޭލަށް މުދާ އުފުލާނަމަ އެވެ.

އިޒުރޭލަށް މުދާ އުފުލާ ބޯޓުތަކަށް ހަމަލާދެނީ ޔަހޫދީން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ބަދަލުހިފުމަށް ކަމަށްވެސް ހޫސީން ބުނެ އެފެ.

މިސުރުގެ ސުއޭޒް ކެނަލަކީ ރައީސް ސީސީ ވިދާޅުވި ގޮތުން އަހަރަކު 01 ބިލިއަން ޑޮލަރު ގައުމަށް ހޯދައިދޭ ހިދުމަތެކެވެ.

ސުއޭޒް ކެނަލުން މިހާރު ލިބޭ އާމްދަނީ 40 ޕަސެންޓަށް ވެއްޓި އަދި 50 ޕަސެންޓަށް ވެއްޓުމަކީ އިގުތިސާދީ ހާލަތަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ކަމަށްވެސް ސީސީ ވިދާޅުވި އެވެ.

ސީސީ އަދި ވިދާޅުވީ ހޫސީންނާ މަޝްވަރާކޮށްގެން ނަމަވެސް އެ މީހުންގެ ހަމަލާތައް ހުއްޓުވަން ޖެހޭ ކަމަށެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވުމާއި މެދުއިރުމަތި ސުލްހަކުރުމަކީ މޭޒު ދޮށުން ނޫން ގޮތަކަށް ހައްލުވާނެ ކަންކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.