އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ޣައްޒާ ބަނދަރުގެ 50 ޕަސެންޓް ނިމިއްޖެ: ޕެންޓަގަން

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން އަޅަމުން ގެންދާ ވަގުތީ ބަނދަރުގެ 50 ޕަސެންޓް ނިމިއްޖެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ބުނެފި އެވެ.

ޣައްޒާ އައްސޭރި ފަށުގައި ފެންމަތީގައި އޮންނަ ގޮތަށް ބަނދަރެއް މި ހަދަނީ މުދާ ކަނޑުމަގުން ހިފައިގެން އަންނަ ބޯޓުތަކަށް ފަސޭހައިން ކައިރިކުރެވޭ ގޮތަށެވެ. އަދި އިތުރު އުޅަނދެއްގެ އެހީގައި ގޮނޑު ދޮށުގައި އޮންނަ ލޮރީތަކަށް ވެސް މުދާ އެރުވޭ ގޮތަށެވެ.

ޕެޓަނގަނުން ބުނާ ގޮތުން ކުރިއަށް އޮތް 15 ވަރަށް ދުވަހުގެ ތެރޭގައި ބަނދަރު ބޭނުންކުރަން ފެށޭވަރު ވާނެ އެވެ. އަދި ތަޖުރިބާއަށް ބަލައި ފާލަމަށް އިތުރު ބަދަލު ގެންނަން ޖެހޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިއީ ޣައްޒާއަށް ދުވާލަކު ދެ މިލިއަން ކޮއްތު ފޯރުކޮށްދިނުމަށް ނިޔަތް ގަނެވިފައި އޮތް ފާލަމެކެވެ.

ސައިޕްރަސް މެދުވެރިކޮށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށް މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ. އެހީދޭ ޖަމާއަތްތަކަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުނިޖެހިފައި ހުރި ޕެކޭޖްތައް ޣައްޒާއަށް ފޮނުވާނެ ގޮތެއް ނެތުމެވެ.

މިސްރުން އެއްގަމު މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިޒުރޭލު ސިފައިން ދެމުން ގެންދާ ހަމަލާތަކެވެ.

ޣައްޒާއަށް އެހީ ވައްދަން އިޒުރޭލުން ހުއްދަ ދިން ނަމަވެސް އެހީގެ ޣާފިލާތަކަށް ހަމަލާދިނުން ވަނީ ވަރަށް އާންމުވެފަ އެވެ. އަނެއް ކޮޅުން ފަލަސްތީންގެ ބިންތައް ފޭރިގަނެގެން ތިބި ޔަހޫދީންގެ ޖެއްސުންކުރުމާ ހެދިވެސް އެހީގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅެ އެވެ.

ޣައްޒާގެ އައްސޭރީގައި ފެންމަތީގައި އޮންނަ ގޮތަށް ވަގުތީ ބަނދަރެއް ހެދުމުގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ޣައްޒާއަަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެކުރެވޭ ނިސްބަތް އިތުރުކުރުމެވެ.