އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

އިޒްރޭލުގެ އަނިޔާ ދައްކައިދޭ ފޮޓޯ މައުރަޒެއް ގާޒާގައި

ގާޒާގައި އަންގާރަ ދުވަހު ފޮޓޯ މައުރަޒެއް ހުޅުވައިފި އެވެ. ބޭނުމަކީ ޔަހޫދީ އިޒްރޭލުގެ އަނިޔާވެރިކަށް ލިޔެ ކިއުމާއި މަންޒަރުން ތާރީހީ ސަފުހަތަކަށް ހީރަސް ޖަހާލުމެވެ.

ފޮޓޯ މައުރަޒަށް ހޮވާފައި ވަނީ ވަރަށް ހާއްސަ 250 ފޮޓޯ އެވެ. ފޮޓޯތައް ނަގާފައި ވަނީ މައިގަޑު ގޮތެއްގައި ފަލަސްތީން ނޫސްވެރިންނެވެ. އިޒްރޭލުން ގާޒާއަށް ދެމުން ގެންދިއަ ހަމަލާތައް ދުނިޔެ ދެއްކުމަށްޓަކައި ފަލަސްތީނަށް އަރާތިބި އަރަބި ގައުމުތަކުގެ ނޫސްވެރިން ވެސް ފޮޓޯ މައުރަޒަށް ފޮޓޯ ހުށަހަޅާފައި ވެއެވެ.

މައުރަޒު އިންތިޒާމު ކުރީ ފަލަސްތީން އިންފޮމޭޝަން އޮފީހުންނެވެ. އެ އޮފީހުން މީޑިއާއަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ފޮޓޯތަކުން ދައްކާލުމުން ގިނަ ބަޔަކު ހަނދާން ހުންނާނެ ކަމަށެވެ. އަދި ފޮޓޯތައް ގިނަ ބަޔަކަށް ފެންނާނެ ގޮތް ހަދާނެ ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ދިން މިސައިލް ހަމަލާތަކުުގައި 289 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުދިން އަދި އަންހެނުން ވެސް ހިމެނެ އެވެ.

މިސްރު މެދުވެރިވެ ކުރެވުނު މަޝްވަރާއިން ހަމަލާތައް މަޑުޖައްސާލާަފައި މިހާރު އޮތް ނަމަވެސް އިޒްރޭލުގެ ޔަހޫދީން އަދިވެސް ގެންދަނީ ފަލަސްތީންގެ ބާރެއް ނެތް އާންމު ރައްޔިތުންނަށް އަނިޔާކޮށް ޖެއްސުންތައް ކުރަމުންނެވެ.