އިޒުރޭލުގެ ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލަފާ އޮތީ ރަފާހްއަށް ސިފައިން ފޮނުވައި މުޅިތަން ލޫޓުވައި ސުންނާފަތިކުރާ ގޮތަށް ކަމަށް މިސްރުގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ އޮންލައިން ނޫސް ވޯލް ސްޓްރީޓް ޖާނަލުން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި އިޒުރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް 200 ދުވަސް ވެފައިވާއިރު، ރަފާހް އިން މީހުން ބާލައި ޔަހޫދީ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށްވެސް އޮފިޝަލުން ވިދާޅުވެ އެވެ.
ރަފާހް މިހާރު ނިސްބަތްވަނީ ހަމައެކަނި އެ އަވަށުގެ ރައްޔިތުންނަކަށް ނޫނެވެ.
ޣައްޒާއަށް ޔަހޫދީން އަރައިގަނެ ޖަރީމާތައް ހިންގަން ފެށުމާއެކު، ޣައްޒާގެ އާންމު ރައްޔިތުން ރައްކާތެރި ތަނެއް ހޯދަން ގޮސް މިހާރު ވަދެތިބީވެސް ރަފާހް ގައެވެ.
ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ބުނާ ގޮތުން އިޒުރޭލު ސިފައިން ރަފާހްއަށް ވަދެގެންފިނަމަ ލިޔުމުން ބަޔާންކުރަން ނުކުޅެދުންތެރިވާ ހާލަތަށް -- އެ އަވަށުގެ ހާލަތު ބަދަލުވެގެން ދާނެ އެވެ.
އިޒުރޭލު ސިފައިން ރަފާހްއަށް ނޭރުމަށް އދ އާއި އެމެރިކާއިން ވެސް އޮތީ ގޮވާލައި އިންޒާރު ދީފަ އެވެ.
ޣައްޒާގެ ހާލަތު މިފަދަ ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް ބެންޖަމިން ނަތަންޔާހޫ ވަނީ ދުނިޔޭގެ ސުލްހައަށް ގޮންޖަހައި، ޔަހޫދީންނަށް ވުރެ މުހިއްމު ބަޔަކު ނުތިބޭނެ ކަމަށް ވިދާޅުވެ އެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުގައި އެމެރިކާ ބުނާހާ ގޮތަކަށް ޣައްޒާގެ މަސްލަހަތު އޮންނާކަށް ނުޖެހެ އެވެ. ޔަހޫދީން ސިޔާސަތު ދަމަހައްޓާނީ ޔަހޫދީންނަށް ކަމުދާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ ސަމާލުކަން މިހާރު ހޯދާފައި އޮތް އެންމެ ބޮޑު މައުލޫ އަކީ ޣައްޒާގެ ހޮސްޕިޓާތަކުން ފެންނަ ބޮޑެތި ކަށްވަޅުތަކެވެ. މިއީ ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީންގެ އަމަލުތަކެކެވެ.
މިހެން ކަން އޮތްއިރު ޔަހޫދީ ސިފައިން ރަފާހްއަށް ވަދެގެންފިނަމަ މިފަދަ އިތުރު ކަށްވަޅުތައް ރަފާހްގައިވެސް އުފެދޭނެ ކަމަށް އެތައް ބަޔަކު ވަނީ އިންޒާރު ދީފަ އެވެ.
ނަމަވެސް އިޒުރޭލުގެ ރޭވުމަކީ ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ރަފާހްއިން މީހުން ބާލަން ފެށުން ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނެ އެވެ.
އިޒުރޭލުގެ މިފަދަ އަމަލުތައް އެމެރިކާ އިން ނުހުއްޓުވައިފިނަމަ ފަލަސްތީންގެ ހާލަތު މިއިން ޒަމާނަކު ދަށަށް ނުދާ ވަރަށް ނިކަމެތިވާނެ ކަމަށްވެސް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ބުނެ އެވެ.