ގުރީކުގެ ވެރި ރަށް އެތަންސްގައި ހުންނަ އެމެރިކާ، އިޒުރޭލު އަދި މިސްރު އެމްބަސީގައި ބޮމެއް ހަރުކޮށްފައި އޮތް ކަމަށް ބުނެ -- ކާކުކަން ނޭނގޭ މީހަކު އެ ގައުމުގެ ސްކައި ޓީވީއަށް ގުޅައި ބިރު ދައްކައިފި އެވެ.
ބޮން ނުގޮވާ ގޮތް ހަދާ ޓީމުތަކުން، އެކަމަށް ހާއްސަ އާލާތްތަކާ އެކު ހާއްސަ ހެދުމުގައި އެ އެމްބަސީތަކަށް ގޮސް ބެލިއިރު އެއީ ބޮޑު ދޮގެކެވެ. ގުރީކުގެ ރަސްމީ މީޑިއާތަކުން މިހާރު ވަނީ މިކަން ހިނގައި ދިޔަ ގޮތް އާންމުނަށް ކިޔައިދީފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގުރީކުގެ ރައްޔިތުންގެ މަޖިލީހުގައިވެވެސް ބޮމެއް އޮންނާނެ ކަމަށް ކޮންޓްރާ ޓީވީއަށް ގުޅާފައި ކާކުކަން ނޭނގޭ މީހަކު ވަނީ ބުނެފަ އެވެ.
އޭނާ ބުނި ގޮތުން ބޮމުގެ ޓައިމަރު މިހާރު ހިގަނމުންދާނެ އެވެ. އަދި އެއްގަޑިއެއްގައި -- ގުރީކު ގަޑިން 11:30 ގައި ހުރިހާ ބޮމެއް އެއްފަހަރާ ގޮވާނެ އެވެ.
ހަބަރުތައް ބުނާ ގޮތުން ބިރުދެއްކި މީހާ ބުނި ގަޑި ޖެހުނު އިރުވެސް އެއިން އެއްވެސް ބޮމެއް ނުގޮވަ އެވެ. އަދި އެފަދަ ބިރުވެރި އެއްވެސް ހާދިސާއެއް އެއިން ހިސާބެއްގައި ވެސް ނުހިނގަ އެވެ.
އިޒުރޭލު ސިފައިން ފަލަސްތީންގެ ޣައްޒާއަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާއާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި މިފަދަ ހަރާކަތްތައް ބަޔަކު ދަނީ ހިންގަމުންނެވެ.
އެމެރިކާއިން އިޒުރޭލަށް ހަތިޔާރު ސަޕްލައިކުރާ މައްސަލާގައި -- އެެމެރިކާއާ ދެކޮޅަށް ބިރުދެއްކުމުގެ ހަމަލާތަކެއް ސް ވަނީ ހިންގަން ފަށާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ އެމެރިކާއާ އިޒުރޭލު ނިސްބަތްވާ ހިސާބެއްގައި ޓެރަރިސްޓް ހަމަލާއެއް ހިންގަފާނެ ކަމުގެ އަލާމާތެކެވެ.
އިޒުރޭލުން ޣައްޒާގައި ހިންގާ ޖަރީމާތަކަށް އިންކާރު ކުރުމުގެ ގޮތުން އެމެރިކާއާ އިޒުރޭލުގެ އާންމު ރައްޔިތުންނަށް މަގުމަތިން ހަމަލާދީ ޖެއްސުންކުރުން ވެސް އަންނަނީ ގިނަވަމުންނެވެ.
ގުރީކުގައި ދިން މި ޓެރަރިސްޓް އިންޒާރާ އެކު ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްގަމު އުޅަނދުތަކާއި ރޭލުވޭތައް އަދި ބަސް ސްޓޭޝަންތައްވެސް ސަމާލު ކަމަށް ގެނެސްފައިވެ އެވެ. އަދި ހާއްސަކޮށް ވެރިރަށުގައި ހުންނަ ބޭރު ގައުމުތަކުގެ އޮފީސްތަކާއި މަޝްހޫރު ޝޮޕިން ކޮމްޕްލެސްތައް ދޮށުގައި -- އާންމުން އެއްވެ އުޅޭ މިފަދަ ތަންތަކުގައި ފުލުހުން ވަނީ ގާއިމުވެފަ އެވެ.
ޝައްކުކުރެވޭ މީހުންނާ ސުވާލުކޮށް އަދި ސުވާލުކުރުމަށް ބައެއް މީހުން ހިފަހައްޓާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.