ދުނިޔެ

އިޒުރޭލުން އީރާނަށް މާބޮޑުވަރު ކޮށްފާނެތީ ޖަރުމަނު ބިރުން

އީރާނުގެ ކިބައިން ބަދަލުހިފުމަށް ގަދަދައްކާފައި ނުނިކުތުމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް، އިޒުރޭލުގެ ކިބައިން އެދިވަޑައިގެންވި އެވެ.

ޝޯލްޒް ވިދާޅުވި ގޮތުގައި އީރާނަށް މާބޮޑުވަރު ކުރަން ހަދައިގެން އިޒުރޭލަށް ބޮނޑިއެއް ލިބިދާނެ ކަމަށެވެ.

އީރާނުން އިޒުރޭލަށް ދިން ހަމަލާތަކުން ރައްކާތެރިވުމުގައި އެހެން ގައުމުތަކުން -- އެމެރިކާއާ އިނގިރޭސިވިލާތް، ޖަރުމަނު އަދި ފްރާންސުން ބައިވެރިނުވި ނަމަ، އެ ހުރިހާ ހަމަލާތައް އިޒުރޭލަށް އެކަނި ހުއްޓުވިދާނެ ކަމާ މެދު ޝައްކު ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

އިޒުރޭލުން ބަދަލުހިފުމަށް އީރާނަށް އެތިފަހަރެއް ދީފި ނަމަ އޭގެ ބަދަލުގައި އަދި 10 ގުނަ ބާރުގެ ބޭނުންހިފާނެ ކަމަށް އީރާނުން އޮތީ ބުނެފަ އެވެ.

ޗާންސެލަރު އަދި ވިދާޅުވީ އީރާންގެ މި އިންޒާރު އޮއްވައި އިޒުރޭލަށް އެކަނިމާއެކަނި ހުރިހާ ކަމެއް ކުރެވިދާނެ ކަމަށް ނިކުތުމަކީ ހިތާމަވެރި ކަމަކަށް ވެދާނެ ކަމަށެވެ.

އީރާންގެ ކިބައިން ބަދަލުހިމުގެ ބަދަލުގައި އަސްކަރިއްޔާ ހަރުދަނާކޮށް ގައުމު އިތުރަށް ދިފާއުކުރަން ވިސްނުން އިޒުރޭލަށް މާބޮޑަށް ވެސް ރަނގަޅުވާނެ ކަމަށް ވެސް ޝޮލްޒް ވިދާޅުވި އެވެ.

ޗާންސެލަރު ވިދާޅުވި ގޮތުން އޭނާގެ މި ވިސްނުމަށް ޔޫރަޕިއަން ޔޫނިއަންގެ ގިނަ ލީޑަރުން ތާއިދުކުރާއްވަ އެވެ. އަދި މެދުއިރުމަތި ސުލްހަކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ކުރާ މަސައްކަތްތަކަށް -- އިޒުރޭލު ގޮތްދޫކޮށްފި ނަމަ ހެޔޮ އަސަރުކުރާނެ އެވެ.

މެދުއިރުމަތީގައި ހުޅުރޯވިއަ ނުދިނުމަށް އިޒުރޭލަށް ކުރެވިދާނެ ކިތައްމެ ކަމެއް އެބަހުރި ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ވިސްނުންތެރި ކަމާއެކު އީރާނާ ކުރިމަތިލުން ރައްކާތެރި ކަމަށެވެ.

އީރާނަށް ރައްދުދޭންވީ އަސްކަރީ ގޮތުން ނޫން ކަމަށް ވެސް އޯލަފް ޝޯލްޒް ވިދާޅުވި އެވެ. ދަތި އުނދަގޫ ނަމަވެސް، މަޝްވަރާކުރުމަކީ ވެސް ފަހިވެދާނެ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނގުރާމަ ފުޅާވަނީ ހަނގުރާމަކުރާތީ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ. އިޒުރޭލުން ބަދަލުހިފުމަށް އީރާނަށް ގަދަފަދަ ހަމަލާތަކެއް ދީފި ނަމަ، އީރާނުން ވެސް ގަދަފަދަ ހަމަލާތަކެއް ދޭނެކަން ކަށަވަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.