ދުނިޔެ

މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް ނުހިންގޭނެ: ސައޫދީ

މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް ހިންގަން ފުރުސަތުދީގެން ނުވާނެ ކަމަށް ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެ އެވެ.

އިޒުރޭލުން ޣައްޒާއަށް އަރައި މުޅިތަން ސުންނާފަތިކޮށްފައި އޮތްއިރު، އިޒުރޭލާއި އީރާންއާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ އަލާމަތްތައް އަންނަނީ ފެންނަމުންނެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާން އެމްބަސީ އިމާރާތަށް އިޒުރޭލުން ހަމަލާދީ ހަތް މީހަކު މަރާލި މައްސަލާގައި -- އީރާނުން ވަނީ އިޒުރޭލަށް ހަމަލާދީފަ އެވެ.

މި ހަމަލާއަށް ރައްދުދިނުމަށް ޒަޔަނިސްޓް އިޒުރޭލުވެސް އޮތީ ފޫގަޅައިގެންނެވެ.

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި -- އެ ގައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު އިޝްހާގް ދާރުގެ އަރިހުގައި -- ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލް ބިން ފަރުހާން ވިދާޅު ވަނީ އީރާނަށާއި އިޒުރޭލަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

ހަނގުރާމައެއް ފެށިދާނެ ހުރިހާ ހަރަކާތަކުން ދުރުހެލިވުމަށް ވެސް ސައޫދީ ވަޒީރު އެދިވަޑައިގެންނެވި އެވެ.

އީރާނުން އަސްކަރީ ޑްރޯނާއި ބެލިސްޓިކް މިސައިލް އަދި ހައިޕާސޮނިކް މިސައިލް ބޭނުންކޮށްގެން އިޒުރޭލަށް ވަނީ ހަމަލާދީފަ އެވެ.

މި ހަމަލާއާ ބެހޭ ގޮތުން އީރާނުން ބުނީ ވަރަށް ކާމިޔާބު ހަމަލާތަކެއް ކަމަށެވެ. އިޒުރޭލުން ބުނީ 99 ޕަސެންޓް ފޭލިކޮށްލި ކަމަށެވެ.

ނަމަވެސް، އެމެރިކާ ބުނާ ގޮތުން އިޒުރޭލުގެ ބާރުގަދަ ދިފާއީ ނިޒާމު -- އަޔަން ޑޯމް ފޫއަޅުވާލުމަށް ފަހު އިރާނުން ނުވަ މިސައިލެއް އިޒުރޭލަށް ވެއްޓުނެވެ. އަދި އެ މިސައިލްތައް ވެއްޓުނީ އީރާނުން ނިޔަތްގަތް އަސްކަރީ މަރުކަޒުތަކަށް ކަމަށް ވެސް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އީރާންގެ ހަމަލާތަކަށް ބަދަލުހިފުމަށް ގަދަފަދަ ހަމަލާތައް ދިނުމަށް އިޒުރޭލުން ވަނީ ނިންމާފަ އެވެ. އިޒުރޭލުން ހަމަލާއެއް ދީފި ނަމަ އައްސިފިލާވަރުގެ ރައްދެއް ދޭނެ ކަމަށް ވެސް އީރާނުން ބުންޏެވެ.

ސައޫދީގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާނީ ގޮތުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެ އެވެ. އިޒުރޭލު ލައްވައި ހަނގުރާމަކުރުވާ ގައުމުތައް ތިބީ ލޯމަރައި އެކަމަށް ރުހިގެން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.