ދުނިޔެ

އިޒުރޭލު ކުށްވެރިކުރުމުގައި އދ ފޭލިވެއްޖެ، ބަދަލުހިފާނަން: އީރާން

އިޒުރޭލު ކުށްވެރިކޮށް އދ ގެ ސަލާމަތީ މަޖިލީހަށް އެކައްޗެއް ވެސް ބުނަން ނުކުރުނު ކަމަށް އީރާނުން ބުނެފި އެވެ.

އދގައި އީރާން ތަމްސީލުރާ ވަފްދުން ބުނި ގޮތުން -- މިހެން ކަން ހިނގައި ދިއުމުން، އިޒުރޭލަށް ހަމަލާދިނުމަކީ އީރާނަށް އޮތް ވާޖިބެއް ކަމަށް ދެކޭ ކަމަށެވެ.

ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް އިޒުރޭލުން ހަމަލާދީ ހަތް މީހަކު ވަނީ މަރާލާފަ އެވެ. މި ހަތް މީހުންގެ ތެރޭގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ވަރަށް ސީނިއާ ދެ ޖެނެރަލަކު ވެސް ހިމެނެ އެވެ.

މި ހަމަލާ ކުށްވެރިކޮށް އދގެ ސަލާމަތީ މަޖިލީހަށް ބަހެއް ބުނަން ނުކެރުން ދޭހަކޮށްދެނީ އދ އޮތީ ބައެއްގެ ނުފޫގައި ގަދައަށް ތާށިވެފައި ކަމަށް އީރާނުން ބުންޏެވެ.

އީރާންގެ އެމްބަސީއަށް ހަމަލާދިން ބަޔަކު ރަސްމީކޮށް ޒިންމާ ނަގާފައެއް ނުވެ އެވެ.

އިޒުރޭލަކީ އާންމު ގޮތެއްގައި އެ މީހުންދޭ ހަމަލާތަކަށް ޒިންމާ ނަގާ ބައެއް ނޫނެވެ. މިހެން ކަން ހިނގައި ދިއުމުން އީރާން އެމްބަސީއަށް ހަމަލާދިން ބަޔަކީ ޒަޔަނިސްޓުންކަން އޮތީ ކަށަވަރުވެފަ އެވެ.

މި ހަމަލާގެ ފަހަތުގައި އޮތީ އިޒުރޭލުކަން ކަށަވަރުވާ އަނެއް ސަބަބަކީ، އީރާނުން ދީފާނެ ހަމަލާއަކަށް އިޒުރޭލު ތެޅިފޮޅިގަތުމެވެ.

އިޒުރޭލު ލިބިގެންފައި ހުރި ހަތިޔާރާއި އަސްކަރީ ބާރުވެރިކަމާ އެކުވެސް، އީރާނުން ހަމަލާއެއް ދީފާނެ ކަަމަށް ޒަޔަނިސްޓުން ތިބީ ވަރަށް ބިރުންނެވެ.

އިޒުރޭލަށް ހަމަލާދިނުމާ ބެހޭ ގޮތުން އީރާނުން ބުނީ ބަދަލުހިފުމުގެ ގޮތުން ކުއްލި ހަމަލާތަކެއް އިޒުރޭލަށް ނުދޭނެ ކަމަށެވެ. ހަމަލާތައް ދޭނީ ދުރަށް ދަންމާލައި ތަދު ނުފިލާވަރު ބަލައިގެން ކަމަށްވެސް އެ ގައުމުން ބުންޏެވެ.

އީރާންގެ މި ބުނުމުން ދޭހަވަނީ މެދުއިރުމަތީގައި -- މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތައް ލައްވައި އިޒުރޭލަށް ހަމަލާދޭނެ ކަމެވެ.

އިޒުރޭލު ވަށާލައި ހަނގުރާމަވެރި ގުރޫޕްތައް އެތުރިފައި އޮތްއިރު ބަދަލުހިފުމުގެ މާނައިގައި އީރާނުންދޭ ހަމަލާތަކުން އިޒުރޭލަށް ގެއްލުންތަކެއް ލިބޭނެ އެވެ.

ހުޅަނގުގެ ރިޕޯޓްތައް ބުނާ ގޮތުން ކޮންމެ ވަގުތެއްގައިވެސް އީރާނުން އިޒުރޭލަށް ހަމަލާދީފާނެ އެވެ.

އީރާނުން ދީފާނެ ހަމަލާއަކަށް އިޒުރޭލުން ދިން ޖަވާބަކީ، އީރާންގެ ފަސްގަނޑުން އިޒުރޭލަށް ހަމަލާއެއްދީފނަމަ، ގެއްލުން ބޮޑު ހަމަލާތަކެއް އީރާނަށް ދޭނެ ކަމަށެވެ.