އިޒުރޭލުގެ ފިއްތުންތަކަށް ދޫދެއްވައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އީރާން ކުށްވެރިކުރައްވައިފި އެވެ.
އީރާނުން އަންގާރަ ދުވަހު ބެލިސްޓިކް މިސައިލުން އިޒުރޭލަށް ދިން ހަމަލާތަކުގައި -- އަރަބިންގެ އަތުން ފޭރިގެންފައި އޮތް ބިންތަކުގައި ވަތަށް ވަޒަންވެރިގަނެގެން އުޅޭ ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ޔަހޫދީންނަށް ލިބުނު މި ގެއްލުތަކަށް ގުޓަރޭސް ކަރުނައަޅުއްވައި ބަަސްފުޅެއް ވިދާޅުވެފައި ނުވާތީ އިޒުރޭލުން ވަނީ ސެކްރެޓަރީ ޖެނެރަލް އެ ަގައުމަށް އެތެރެވުން މަނާކޮށްފަ އެވެ.
އިޒުރޭލުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތް ގޮތުން އދގެ ސެކްރެޓަރީ ޖެނެރަލަށް އިޒުރޭލުން މަރުހަބާއެއް ނުކިޔާނެ އެވެ. އަދި ގުޓަރޭސްއަށް މުޅި އިޒުރޭލު ބަންދު ކަމަށް ވެސް އޮތީ ބުނެފަ އެވެ.
އިޒުރޭލުގެ މި އިންޒާރަށް ސިހިވަޑައިގެން ގުޓަރޭސް ވިދާޅުވީ އީރާނުން މީގެ ކުރިން އިޒުރޭލަށް ދިން ހަމަލާތައް ކުށްވެރިކުރެއްވި ފަދައިން އަންގާރަ ދުވަހު ދިން ހަމަލާތައް ވެސް ކުށްވެރިކުރައްވާ ކަމަށެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ އީރާނުން އިޒުރޭލަށް މިސައިލް ހަމަލާތަކެއް ދިނުމަކީ ބޮޑު ގޯހެއް ކަަމަށެވެ. އީރާންގެ މި އަމަލު ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާންގެ ރިވޮލޫޝަނަނީ ގާޑްސް ކޯޕްސް (އައިއާރުޖީސީ) ބުނި ގޮތުން އިޒުރޭލަށް ބެލިސްޓިކް މިސައިލުން ހަމަލާދިނީ ބަދަލުހިފުމަށެވެ. އެއީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި ހުއްޓައި އީޒުރޭލުން މަރާލުމާ ގުޅިގެންނެވެ.
ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ މަރަލާފައި ވަނީވެސް އިޒުރޭލުންނެވެ. މިއީ އެމެރިކާ އާއި އިޒުރޭލު ގުޅިގެން ދިން ހަމަލާ އެކެވެ.
ގުޓަރޭސް ވިދާޅުވި ގޮތުގައި ބުއްދިވެރި ގޮތަކީ އީރާނުން އަދި އިޒުރޭލުން ވެސް ހަމަލާތައް ހުއްޓާލުމެވެ. ހަނގުރާމަ އަކީ އެއްވެސް ބަޔަކަށް -- ގެއްލުމެއް ނުލިބި ކާމިޔާބުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ.
އިޒުރޭލުން ލުބްނާނަށް ދޭ ހަމަލާތަކާއި ހިޒްބުﷲ ހަނގުރާމަވެރިން އިޒުރޭލަށް ދެމުންދާ ހަމަލާތައް ވެސް ހުއްޓާލަން ޖެހޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
ގުޓަރޭސް ވިދާޅުވީ އިޒުރޭލުން ކުރި ހަމަވެސް އަދި ހިޒްބުﷲއިން ކުރި ނަމަވެސް، ހަނގުރާމަކުރާ ބައެއްގެ އަމަލުތައް ކަމުދާ ކަމަށް ވިދާޅުނުވާނެ ކަމަށެވެ.