ޔަހޫދީ ދައުލަތުން މި މަހު ހަތަކުން ފެށިގެން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބެނީ އާންމުންނަށް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޔަހޫދީ އާބާދިތަކަށް ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާތަކުގެ ބަދަލު، އާންމުން ރައްޔިތުންގެ ކިބައިން ހިފުމަކީ އިންސާނިއްޔަތާ މުޅިން ހިލާފު އަމަލެއް ކަމަށެވެ.
ގުޓަރޭސް ވިދާޅުވީ ހަމާސްގެ ހަނގުރާމަވެރިން ތިބި ތަނަނަކުން ނެރުމާ ދެކޮޅު ނޫން ކަމަށާއި ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ބަޔަކީވެސް އާންމުން ކަމަށެވެ.
ޓެރަރިސްޓުންނަށް ދޭ ހަމަލާތަކެއް ކަމަށް ބުނެ ޔަހޫދީ އަސްކަރިއްޔާ އިން ޣައްޒާ ސުންނާފަތިކޮށްފި ކަމަށްވެސް އދގެ ސެކްރެޓަރީ ޖެންރަލް ވިދާޅުވި އެވެ.
އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ގުޓަރޭސް ވިދާޅުވީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ހަމަލާދިނުމަށް ޔަހޫދީ ދައުލަތަށް އެއްވެސް އިސްކަމެއް ނޯންނާނެ ކަމަށެވެ.
ފަލަސްތީނަށް ހަމަދަރުދީވެ ވަޑައިގެން ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަތަކާ ގުޅިގެން ޔަހުދީ ސަރުކާރު އޮތީ ވަރަށް ރުޅިގަދަވެފަ އެވެ.
ޔަހޫދީ ސަރުކާރު ގަބޫލުކުރާ ގޮތުގައި އދ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އެންޓޯނިއޯ ގުޓަރޭސް އަކީ ބޯހަމަޖެހޭ މީހެއް ނޫނެވެ. އޭނާ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ގޮވާލި އެވެ.
ގުޓަރޭސްގެ ވާހަކަތަކުގައި ޔަހޫދީ ދައުލަތަށް ނިސްބަތްވާ ގޮތަށް ވަހަކަދެއްކެވި ނަމަވެސް ބަސްތައް އެހާ ސީދާކުރައްވާފައެއް ނުވެ އެވެ. މައިގަނޑު ގޮތެއްގައި ވިދާޅުވީ ޣައްޒާގައި ހިންގާ ހަމަނުޖެހުންތަކާއި، ޣައްޒާގައި ހިންގާ ލޭއޮހޮރުވުންތައް ރަނގަޅު ނޫން ވާހަކަ އެވެ. އަދި ޣައްޒާގެ އާންމުންނަށް ހައްގު ނުލިބި ދިގުދެމިންގެން ދިއުމާއި އާންމު ރައްޔިތުން ރަށު ބަންދުގައި ތިބެން ޖެހުމަކީ ކެތްތެރިކަން ކޮޅުންލާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ފަލަސްތީނަށް ލިބެމުންދާ އަނިޔާތަކަށް ޒިންމާވާނެ ބަޔަކު ނެތް ކަމަށާއި އެކަމަކު އެއީ ކޮންމެވެސް ބައެއްގެ އިހުމާލުން ވެފައި އޮތް ކަމެއް ކަމަށް ގުޓަރެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަމަލާތައް އުފެއްދީ ހަމާސްއިން ކަމަށާއި އެކަމަކު ހުރިހާ ރުޅިއަކާއި އަނިޔާވެރިކަމެއް ރައްދުވަނީ ކުޑަކުދިންނަށާއި އަންހެނުން އަދި ދުވަސްވީ މީހުންނަށް ކަމަށެވެ.