އދގެ އާންމު މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް، އދގެ މެމްބަރު ގައުމުތަކަށް އިންޒާރުދެއްވައިފި އެވެ.
ލުބްނާނަށް އަޅަމުންދާ ބޮންތަކުގެ ސަބަބުން މުޅި ގައުމު ސުންނާފަތިވެ ދެވަނަ ޣައްޒާއަށް ހަދަމުންދާ މަންޒަރު ބަލަހައްޓައިގެން ތިބެންވީތޯ ސެކްރެޓަރީ ޖެނެރަލް ސުވާލުކުރެއްވި އެވެ. ލުބްނާން ދެވަނަ ޣައްޒާއަށް ހަދަން ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ގުޓަރެސް އިންޒާރުދެއްވި އެވެ.
އިޒުރޭލާއި ލުބްނާންއާ ދެމެދު އާވިއަރަމުންދާ ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބެނީ ލުބްނާނަށެވެ. ލުބްނާނުން ފޮނުވާ ރޮކެޓަކުން އިޒުރޭލަށް ބޮޑުވަރު ނުވި ނަމަވެސް، ހިޒްބުﷲގެ ހަމަލާތަކަށް އިޒުރޭލު އޮތީ ބިރުންނެވެ.
އިޒުރޭލަށް އެއްވެސް ދުވަހެއް މިހާރު އެއީ އާދައިގެ ދުވަހެއް ނޫނެވެ. އިރުއަވީގައި ނުޖެހި އާންމުންގެ އެތައް ހާސް ބަޔަކަށް މިހާރު ޖެހިފައި ވަނީ ބިންގަރާހުގައި -- ބިމުއަޑީގައި ވަޅުލެވިގެން ތިބޭށެވެ.
ލުބްނާނަށް ކޮންމެ ދުވަހަކީ ވެސް އާދައިގެ ދުވަހެކެވެ. އިރުއަވީގައި ޖެހި ވާރެއިން ތެމެންވީ އެވެ. ހަމައެކަނި ތަފާތަކީ އިޒުރޭލުގެ ބާރުގަދަ ރޮކެޓުތަކާއި އޮހެމުންދާ ބޮންތަކެވެ.
އިޒުރޭލުގެ ހަމަލާތައް އަމާޒުކުރަނި ހިޒްބުﷲގެ ހަނގުރާމަވެރިންނަށެވެ. އެކަމަކު ހަމަލާތަކުގައި މަރުވަނީ އާންުމުންނެވެ.
ގުޓަރެސް ވިދާޅުވި ގޮތުގައި ދުނިޔެ އޮތީ ނަގޫރޯޅިއެއްގެ ތެރޭގަ އެވެ. ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެންމެންގެ އެހީތެރިކަމަށް އޮތީ ބޭނުންޖެހިފަ އެވެ.
ގުޓަރެސް އަދި ވިދާޅުވީ ހަނގުރާމަކުރާ ހިތުން އުޅޭ ބަޔަކު ދުނިޔޭގައި އުޅޭ ކަމަށެވެ. ދެރައީ ފަށައިފި ހަނގުރާމައެއް ހުއްޓާލަން ނޭނގޭތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރޮކެޓާއި ބޮމުން ދުނިޔެ މަސަލަސްކުރަން ނުކުތް އެއްވެސް ބަޔަކު ސަލާމަތުން އައްސޭރިއަށް ފޯރާފައި ނުވާ ކަމަށް ވެސް ގުޓާރެސް ވިދާޅުވި އެވެ.
ދެން އޮތް އަނެއް ބިރުވެރިކަމަކީ، ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮގުގައި، ނިއުކްލިއާ ހަތިޔާރެވެ. މިއި އެއްވެސް ބަޔަކު އަތްލައިގެން ވާނެ ބާރުވެރިކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިއުކްލިއާ ހަތިޔާރުގެ ސަބަބުން ބަޔަކު ފަނާވާއިރު އޭގެ އާވީގައި ދެން ތިބިހާ ބަޔަކު ވިރި ހުސްވާނެ ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.