ދުނިޔެ

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިޒްރޭލަށް އެތެރެވުން މަނާކޮށްފި

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިޒުރޭލަށް އެތެރެވުން އެ ގައުމުގެ ހާރިޖީ ވުޒާރާއިން މަނާކޮށްފި އެވެ.

ސަބަބެއް ކަމަށް ބުނީ އީރާނުން އިޒުރޭލަށް ދިން ހަމަލާތައް ކުށްވެރިކުރައްވައި، އދގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެއްވެސް އެއްޗެއް -- ބަސްފުޅެއް ވިދާޅުވެފައި ނުވާތީ ކަމަށެވެ.

އިޒުރޭލުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އދގެ ސެކްރެޓަރީ ޖެނެރަލަށް އިޒުރޭލުން މަރުހަބާއެއް ނުކިޔާނެ އެވެ. އަދި އިޒުރޭލުގެ ހާރިޖީ ވަޒީރު އިޒުރޭލު ކަޒްއާ ހަވާލާދީ ބަޔާނުގައި ބުނަނީ އެންޓޯނިއޯ ގުޓަރެސްއަށް އިޒުރޭލު އޮތީ ބަންދުކޮށްފައި ކަމަށެވެ.

އިޒުރޭލުގެ ގަބޫލުކުރުން އޮންނަ ގޮތަކީ ޔަހޫދީންނަށް ސަނާނުކިޔާ ނަމަ އެ މީހަކަށް ދަަތިކޮށް އިޒުރޭލަށް އެރުން މަނާކުރުމެވެ.

އދގެ ސެކްރެޓަރީ ޖެނެރަލަށް އިޒުރޭލު މިހާރު ބަންދުކުރި ނަމަވެސް މިއީ އިޒުރޭލުގެ ޔަހޫދީ ވެރިން އާންމުކޮށް ކުރާ ކަމެކެވެ.

ފަލަސްތީނަށް ތާއީދުކުރާ ނަމަ އެ މީހަކަށް އިޒުރޭލު ބަންދުކުރެ އެވެ.

އދއިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ފްރާންސެސްކާ އަލްބަނީޒްއަށް ވެސް މީގެ ކުރިން އިޒުރޭލު ބަންދުކުރި އެވެ. އަދި އދގެ ބޭނުމަކަށް ނަމަވެސް އޭނާއަށް އިޒުރޭލަށް ނޭރޭނެ ކަމަށް އޮތީ ކަނޑައަޅާފަ އެވެ.

ފްރާންސެސްކާ އަލްބަނީޒް އިޒުރޭލަށް އެތެރެވުން އެ ގައުމުން މަނާކުރީ ފަލަސްތީނަށް ތާއީދުކޮށް -- އަދި އިންސާނީ ހައްގުތަކަށް އިޒުރޭލު ފަރުވާކުޑަކުރާ ކަމަށް ވިދާޅުވެގެންނެވެ.

އިޒުރޭލަކީ ފަލަސްތީންގެ ރައްޔިތުންނަށް ވަރަށް އިހާނެތިކޮށް ހިތާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުން ބުނާ ގޮތުން ފަލަސްތީންގެ ރެފިއުޖީންނަށް އެހީވުމަށް އދއިން ކަނޑައަޅާފައި އޮންނަ އަންރާ އޭޖެންސީ އަކީ އެއްވެސް ހައިސިއްޔަތެއް އޮތް ޖަމާއަތެއް ނޫނެވެ.

އިޒުރޭލުގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުން ގުޓަރެސްއަށް އިޒުރޭލަށް ވުރެ އީރާން މުހިންމީ އެވެ. ހަމާސް އާއި ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ގުޓަރެސް ވިދާޅު ނުވާ ކަމަށް ވެސް ހާރިޖީ ވުޒާރާއިން ބުންޏެވެ.

އިޒުރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން ޔަހޫދިން ދެމިތިބުމަށް ހުރަސްއަޅާ ކޮންމެ ބަޔަކާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ އެވެ.

އީރާން އަކީ އިޒުރޭލަށް ވަރަށް ބޮޑަށް ޖެއްސުންކުރާ ގައުމެއް ކަމަށްވެސް އިޒުރޭލުން ބުންޏެވެ.