ދުނިޔެ

އިޒުރޭލުގެ އަސްކަރީ ދެ އެއާޕޯޓަކަށް އީރާނުން ހަމަލާދިން ކަމަށް އައިޑީއެފުން އެއްބަސްވެއްޖެ

އިޒުރޭލުގެ އަސްކަރީ ދެ އެއާޕޯޓަކަށް އީރާނުން ހަމަލާދިން ކަމަށް އިޒުރޭލުގެ ދިފާއީ ބާރު -- އައިޑީއެފުން ބުނެފި އެވެ.

އީރާނުން އަންގާރަ ދުވަހު ބެލިސްޓިކް މިސައިލުން އިޒުރޭލަށް ދިން ހަމަލާތަކުގައި، މީގެ ކުރިން ބަޔަކު ދިން ހަމަލާއެއްގައި އިޒުރޭލަށް ގެއްލުން ނުވާ ވަރަށް ގެއްލުން ލިބުނު ކަމަށްވެސް އައިޑީއެފުން ބުންޏެވެ.

އައިޑީއެފުން ބުނި ގޮތުން އަސްކަރީ ވައިގެ ބަނދަރުތަކަށް އީރާންގެ ހަމަލާތަކެއް ފޯރި ނަމަވެސް، މަތިންދާބޯޓަކަށް އަދި ވައިގެ މަރުކަޒަށް ވެސް ކަންބޮޑުވާ ވަރުގެ ގެއްލުންތަކެއް ނުލިބެ އެވެ.

އީރާނުގެ ހަމަލާގެ ސަބަބުން ވައިގެ ބަނދަރުތަކުގެ އެއްވެސް އޮޕަރޭޝަނަކަށް ހުއްޓުން އަަރައި ޚިދުމަތް މެދުކެނޑިފައި ނުވާ ކަމަށް ވެސް އައިޑީއެފުން ބުންޏެވެ.

އީރާނުން އިޒުރޭލަށް ހަމަލާދިނީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ހިޒުބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ގެ މަރަށް ބަދަލުހިފުމަށެވެ. މި ދެ މީހުން މަރާލީ އިޒުރޭލުގެ ޖާސޫސުންކަން މިހާރު ވަނީ ޝައްކެއް ނެތް މިވަރަށް އޮޅުންފިލާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާނުން 180 ބެލިސްޓިކް މިސައިލް އިޒުރޭލަށް ފޮނުވި އެވެ. ނަމަވެސް، އޭގެ ތެރެއިން ބޮޑުބައި، އިޒުރޭލުގެ ދިފާއީ އައްޑަނަ -- އަޔަން ޑޯމުން މަތަކޮށް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް އައިޑީއެފުގެ އޮފިޝަލުން ބުންޏެވެ.

އައިޑީއެފުން މިހެން ބުނި ނަމަވެސް، އިންޓަނެޓުން ފެންނަން ހުރި ވީޑިއޯތަކުން އިޒުރޭލަށް ހަމަލާދޭތަން ރަނގަޅަށް ފެނެ އެވެ. އީރާނުން ފޮނުވި ކިތަންމެ މިސައިލެއް އިޒުރޭލުގެ އެތަން މިތަނަށް ވެއްޓޭތަން ފެނެ އެވެ.

އީރާންގެ ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށްވެސް އައިޑީއެފުން ބުންޏެވެ. ނަމަވެސް، ހުޅަނގު އައްސޭރިއަށް އެރި މިސައިލެއްގެ ސަބަބުން ފަލަސްތީންގެ މީހަކު މަރުވިކަން ޚަބަރުތަކުން އެނގެ އެވެ.

އީރާނުން ބުނި ގޮތުން އިޒުރޭލުގެ އަސްކަރީ ވައިގެ ބަނދަރުތަކުގެ އިތުރުން، އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާދުގެ މައި މަރުކަޒަށް ވެސް މިސައިލްތައް ވަނީ ފޯރާފަ އެވެ.

މި ހަމަލާތަކުގައި އިޒުރޭލަށް ގެއްލުން ލިބުނު ވަރު އަދިވެސް ކަށަވަރު ނުވެ އެވެ. މިކަމާ ބެހޭ ގޮތުން އިޒުރޭލުން އަދި ވާހަކަދައްކާފައެެއް ވެސް ނުވެ އެވެ.

އީރާނަށް މި ފެންވަރުގެ ހަމަލާތަކެއް އިޒުރޭލަށް ދެވުމަކީ ބޮޑު ކާމިޔާބެއް ކަމަށް ރަޝިއާ ޚާޜިޖީ ވުޒާރާގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވި އެވެ. އިޒުރޭލަށް ހަމަލާއެއް ދެވުމަކީ އެމެރިކާ ލަދުގަން ވަރުގެ ކަމަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.