އީރާނަށް އަސްކަރީ ހަމަލާތަކެއް ދިނުމަށް އެމެރިކާ އާއި އިޒުރޭލުން ރާވަމުންދާއިރު އެއިން އެއްވެސް ބަޔަކަށް އަވައްޓެރިންގެ ވައިގެ ސަރަހައްދާއި، އެއްގަމާއި އަދި ކަނޑު ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އެ ގައުމުތަކުން ވައުދުވެފައިވާ ކަމަށް އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެ އެވެ.
ކުވޭތުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރާޗީ ވަނީ އިޒުރޭލަށް ގަދަފަދަ އިންޒާރެއް ދެއްވާފަ އެވެ.
އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، އީރާނަށް ބޮޑު ގެއްލުމެއް ދޭން އިޒުރޭލުން ވިސްނާ ނަމަ ބަދަލުގައި އީރާނަށް ކުރެވެން ބުރި ކިތަންމެ ކަމެއް ޒަޔަނިސްޓުންނަށް ވެސް އެނގޭނެ ކަމަށެެވެ.
އީރާން މިހާރު އޮތީ ވަރަށް ރަނގަޅަށް ތަސަައްރަފުފުދިފައި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ޒަޔަނިސްޓުން ބޭނުންހާ ގޮތަކަށް އީރާނާ ކުޅެން ހަދައިފި ނަމަ، އިޒުރޭލުގެ ވެރިރަށް ތެލްއަވީވުން ދުންއަރުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒުރޭލުން އެ ކުރަނީ ހަނގުރާމައެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ހަނގުރާމައިގެ މައިދާނެއްގައި، ހަނގުރާމަކުރާ ބަޔަކު ވެސް އިޒުރޭލު ފަދައިން އަމަލުނުކުރާނެ ކަމަށް އަރާޗީ ވިދާޅުވި އެވެ.
ހަނގުރާމައިގެ މައިދާނެއްގައި ކުޑަކުދިންނަށާއި އަންހެނުންނަށް އަނިޔާ ނުކުރާނެ ކަމަށް ވެސް އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.
އިޒުރޭލުން ދުނިޔެއަށް ދައްކާ ސިފަތަކުގެ ސަބަބުން ޒަޔަނިސްޓުން މިހާރު ވެސް އެ ތިބީ ގޮޅިއަކަށް ފެތިފައި ކަމަށް ވެސް އައްބާސް އަރާޗީ ވިދާޅުވި އެވެ..
އިޒުރޭލުން އީރާންގެ ކިބައިން ބަދަލުހިފާނެ ކަމަށް އޮތީ ބުނެފަ އެވެ. އެއީ އީރާނުން އިޒުރޭލަށް ފޮނުވި ބެލިސްޓިކް މިސައިލްތަކުގެ ސަަބަބުންނެވެ.
އީރާނުން އިޒުރޭލަށް ބެލިސްޓިކް މިސައިލުން ހަމަލާދިނީ، ފަލަސްތީންގެ ޣައްަޒާޣައި ހަރަކަތްތެރިވާ ހަމާސް ޖަމާއަތުގެ ލީޑަރު، އިސްމާއިލް ހަނިއްޔާ މަރާލުމާ ގުޅިގެންނެވެ.
ލުބްނާންގައި، އީރާންގެ މަދަދާ އެކު ހަރަކާތްތެރިވާ ހިޒްބުﷲ ހަނގުރާމަވެރިންގެ ލީޑަރު ހަސަން ނަސްރުﷲ، އިޒުރޭލުން މަރާލުމަކީ ވެސް އީރާނުން ބަދަލުހިފަން ބޭނުންވި ސަބަބެކެވެ.
އިޒުރޭލުން އީރާނަށް ހަމަލާދިނުމުގައި، އީރާންގެ ނިއުކްލިއާ އިންޖީނުގެ ތަކަށާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ހަމަލާނުދިނުމަށް އެމެރިކާ އޮތީ ބުނެފަ އެވެ.
އެމެރިކާ ބުނާ ގޮތުން އީރާނަށް ހަމަލާދޭން ވާނީ އެ ގައުމުގެ އަސްކަރީ ބާރުތައް ނައްތާލެވެން ހުރި ގޮތްތަކަށް ބަލައި، ވިސްނައިގެންނެވެ.