އީރާނަށް ހަމަލާއެއް އަމާޒުވެދާނެ ކަަމަށް ހޭލައި އަދި ހުޝިޔާރު ކަމާއެކު ތިބުމަކީ އެ ގައުމުގެ އަސްކަރީ ފައުޖުތަކަށް ވާޖިބެއް ފަދަ ކަމެއް ކަމަށް އީރާންގެ އަސްކަރީ އޮފިޝަލެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް ޣުލާމް ރިޒާ ޖަލާލީ ވިދާޅުވެއްޖެ އެވެ.
ޖަލާލީ ވިދާޅުވީ ހަމަލާތައް ހުއްޓުވައި ގައުމު ހިމާޔަތް ކުރުމަށް ވުރެ މުހިންމު ކަމެއް އަސްކަރިއްޔާއަށް ނެތް ކަމަށެވެ.
އީރާނަށް ހަމަލާއެއް ދޭން ކެރޭވަރުގެ ގައުމުތެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަބަބެެއް ކަމަށް އޭނާ ވިދާޅުވީ އީރާންގެ އަސްކަރިއްޔާގެ ގާބިލުކަން ދުޝްމަނުންނަށް ވުރެ ވަރުގަގަވުން ކަމަށެވެ.
ޣުލާމް ރިޒާ ޖަލާލީ ވިދާޅުވި ގޮތުގައި އީރާނަކީ ސަރަހައްދުގައި ކިހާ ބާރުގަދަ ގައުމެއްކަން ގަބޫލުނުކުރާ ބަޔަކުވެސް އުޅެ އެވެ. އީރާނަށް ގެއްލުންދޭން އެ މީހުން ވިސްނަނީ މި ސަބަބާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
އީރާނާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަށް ނުކެރިންގެ އުޅެނީ އީރާނުން ފެންނަ އަލާމާތްތަކެއްގެ ސަބަބުން ކަމަށް ވެސް ޣުލާމީ ވިދާޅުވި އެވެ. އީރާންގައި ދޭތެރެ ދޭތެރެއިން ބާއްވާ އަސްކަރީ ފަރިތަކުރުން ތަކަކީ ދުޝަމަނުން ގަބޫލުކުރާ ގޮތުގައި އެ މީހުންނަށް އޮތް ބިރުވެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީރާން ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ހުސައިން ބަގޭރީ ވެސް ވަނީ އެ ގައުމުގެ އަސްކަރިއްޔާއަށް ތައުރީފް ކުރައްވައި ބަސް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތެހެރާނުގެ އަސްކަރީ ބާރު ފެނިފައި އެމެރިކާ ވެސް ޖެހިލުންވާ ކަމަށެވެ. އަދި އީރާނަށް ޖެއްސުން ކުރުމަށްޓަކައި މަތިންދާބޯޓު އުފުލާ މަނަވަރެއްހާ ހިސާބު ވެސް އެ ސަރަހައްދަށް ފޮނުވަން އެމެރިކާއަށް ނުކެރިގެން އުޅޭނީ އީރާންގެ އަސްކަރީ ގާބިލުކަން ފެނި އަންދާޒާ ކުރެވިގެން ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާއިން ޕާސިއަން ގަލްފްގައި ހަރަކާތްތެރިވާ އުޅަނދު ތަކާއި ހަރަކާތްތައް އަބަދުވެސް ބަލައި މޮނީޓަރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.