ދުނިޔެ

ކާނަލް މަރާލި ކަމަށް އިޒްރޭލުން ބުނެފި

އީރާންގެ އަސްކަރީ އޮފިސަރު، ކާނަލް ހަސަން ސައްޔާދު ޚުލައީ މަރާލީ އިޒްރޭލުން ސްޕޮންސާ ކޮށްގެން ކަމަށް އެމެރިކާ ގާތުގައި އިޒްރޭލުން ބުނެފި އެވެ.

ކާނަލަ ހަސަން ހައްޔާދު އަކީ އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ގަދަރުވެރި އެކެވެ.

ހަސަން ހައްޔާދު މަރާލާފައިވަނީ އީރާންގެ ވެރިރަށް ތެހެރާންގަ އެވެ. އޭނާ ދިއިރުޅޭ ގޭދޮށުގައި ކާރެއްގައި އިންދައި ސައިކަލެއްގައި ބަޔަކު ގޮސް ބަޑިޖަހައި މަރާލީ ކަމަށް ޚަބަރުތައް ބުނެ އެވެ.

ކާނަލަ މަރާލަން ޖެހުނީ އިޒްރޭލަށް ކޮން ނުރައްކަލެއް އޮވެގެން ކަމެއް ނުބުނެ އެވެ. އެހެންނަމަވެސް، ނިއުޔޯކް ޓައިމްސް ބުނާ ގޮތުން އެމެރިކާއަށް ދިން މައުލޫމާތުގައި އިޒްރޭލުން ބުނެފައިވަނީ ކާނަލް މަރާލީ އީރާނަށް އިންޒާރު ދިނުމުގެ ގޮތުން ކަމަށެވެ.

އިޒްރޭލު ތުހުމަތުކުރާ ގޮތުގައި ބޭރު ގައުމުތަކަށް އަމާޒުކޮށް އީރާނުން ހިންގާ ޓެރަރިސްޓް ހަމަލާތައް އޮޕަރޭޓް ކުރަނީ ހަސަން ސައްޔާދު ބޮޑަކަށް ހުރެގެންނެވެ. އިޒްރޭލަށް ހަމަލާދޭން ރާވާ ރޭވުންތައް ކަރުދާހަށް ގެނައުމަކީ ވެސް ހަސަަން ސައްޔާދު ކުރާ ކަމެއް ކަމަށް އިޒްރޭލު ބުނެ އެވެ.

އީރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ތެރޭގައި އޮންނަ ޔުނިޓް 840 އަކީ ހަމަ ސީދާ އިޒްރޭލަށް ހަމަލާ ދިނުމަށް ރާވާ ބައެއް ކަމަށް އިޒްރޭލު ބުނެ އެވެ. އިޒްރޭލުން ބުނާ ގޮތުން ޔުނިޓް 840 ހިންގުމުގައި އެންމެ ނުފޫޒުގަދަ މީހަކީ ވެސް ހަސަނެވެ.

އީރާން ސިފައިންގެ ތެރޭގައި 840ގެ ނަމުން ނަން ދީފައި އޮންނަ ޔުނިޓެއް އޮންނަކަން އެގައުން އާންމެއް ނުކުރެ އެވެ. އަދި ނިއުޔޯކް ޓައިމްސްއިން އާންމުކުރި މި ޚަބަރުތަކާ ގުޅޭ ގޮތުން ވެސް އީރާނުން އަދި ވާހަކައެއް ނުދައްކަ އެވެ.

ކާނަލް ހަސަން ސައްޔާދުގެ މަރާ ބެހޭ ގޮތުން އީރާނުން ބުނީ އެކަން ކުރީ އިޒްރޭލު ނޫން ބަޔަކަށް ނުވާނެ ކަމަށާއި އިޒްރޭލަކީ ވެސް ދުނިޔޭގެ މަސްލަހަތު ގެއްލުވާލުމަށް ޓެރަރިސްޓުންނަށް ސްޕޮންސާޝިޕް ދޭ ގައުމެއް ކަމަށެވެ.

އީރާނުން ބުނާ ގޮތުން ކާނަލް މަރުގެ ބަދަލު ވަރަށް ވަރުގަދައަށް ހިފާނެ އެވެ. އަދި އިޒްރޭލުގެ ކަރުން ދުވަހަކު ވެސް ރަހަ ކަނޑައިގެން ނުދާވަރުގެ ހަމަލާއެއް ދޭނެ އެވެ.