ދުނިޔެ

ކުށްވެރިން ބަދަލުކުރަން ހެދި އެއްބަސްވުމަކީ އިރާނަށް ދިން ލުޔެއް: ނަތަންޔާހޫ

އެމެރިކާ އާއި އީރާންއާ ދެމެދު ކުށްވެރިން ބަދަލުކުރަން ހެދި އެއްބަސްވުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާއިން ކުރި ކަމަކީ އިރާނަށް އެތައް ބިލިއަން ޑޮލަރެއް ދިނުމެވެ.

އީރާންގެ ނިއުކްލިއާ މަޝްރޫއަކީ ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިޒްރޭލަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. މިހެން ކަން އޮއްވައި އީރާނަށް އެހާ ބައިވަރު ފައިސާތަކެއް ލިބުމުން، ނިއުކްލިއާ ހަތިޔާރު އުފެއްދަން ތެހެރާނުން ކުރާ މަސައްކަތް ފުޅާކުރުން ނޫން ކަމެއް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫ އެ ވިދާޅުވާ ކުށްވެރިން ބަދަލުކުރާ އެއްބަސްވުމަކީ، އެމެރިކާ އާއި އިރާންއާ ދެމެދު -- އީރާންގެ ޖަލުތަކުތައި އެމެރިކާގެ ގައިދީން ދޫކުރާ ގޮތަށް ހެދި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކުށްވެރިން ދޫކުރުމުން ބަދަލެއްގެ ގޮތުގައި ދެކުނު ކޮރެއާގެ ބޭންކްތަކުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު ދޫކޮށްލާނެ އެވެ.

މި ފައިސާ އަކީ އީރާންގެ އަމިއްލަ ތެޔޮ ވިއްކައިގެން ހޯދާފައި ހުރި ފައިސާ އެވެ. ނަމަވެސް އެމެރިކާއިން އީރާނަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ދެކުނު ކޮރެއާއަށް އެ ފައިސާތައް ދޫކުރަން ނުކުރިފައި ހުރީ އެވެ.

ނަތަންޔާހޫ ވިދާޅުވީ ކުށްވެރިން ބަދަލުކުރުމަށް ވުރެ ވެސް އީރާންގެ ކިބައިން ނިއުކްލިއާ ގާބިލުކަން ނިގުޅައިގަތުން މުހިއްމު ކަމަށެވެ. އީރާނާ އެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި އީރާން ސައިޒުކުރަން ޖެހޭނީ ހަތިޔާރުންނެވެ. އިޒްރޭލު އޮތީ އެކަނިމާއެކަނި ނަމަވެސް އެކަން ކުރާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އީރާނުން ދޫކުރަން އެއްބަސްވި ގައިދީންނަކީ ޖާސޫސްކުރުމާއި، ޓެރަރިސްޓް ހަމަލާތައް ރާވައި ހިންގުމާއި އީރާންގެ އާންމު އުސޫލުތަކަށް ފުރައްސާރަކޮށް ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ހައްޔަރުކޮށްފައި ތިބި މީހުންނެނެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު ކުށްވެރިން ބަދަލުކުރަން ހެދި އެއްބަސްވުމުގެ ދަށުން، ދެކުނު ކޮރެއާގެ މަރުކަޒީ ބޭންކްގައި ހުރި އީރާންގެ ފައިސާ ދޫކުރުން ނޫން ކަމަކަށް އެމެރިކާ އެއްބަސްނުވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ އީރާނަށް އަޅާފައި ހުރި ދަތިކުރުންތަކަށް އަދި އިތުރު އެހެން ލުޔަކަށް އެމެރިކާ އެއްބަސް ނުވާ ކަމަށް ބްލިންކެން ވިދާޅުވި އެވެ.