ދުނިޔެ

"ޔުރޭނިއަމް 60 ޕަސަންޓަށް ވުރެ އިތުރުކޮށްފިނަމަ ހަމަލަދޭނަން"

އީރާނުން ޔޫރޭނިއަމް 60 ޕަސެންޓަށް ވުރެ އިތުރަށް މުއްސަނދިކޮށްފިނަމަ ދެން ބަލަން ނޯންނާނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އީރާނަށް އަސްކަރީ ހަމަލާއެއް އަމާޒުވާނެ ހިސާބަކީ އެއީ ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުގެ އޮފިޝަލުން މި މޭރުމުން ވާހަކަދެއްކެވީ އެމެރިކާ އާއި ޔޫރަޕގް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެއްވި އިންޒާރެއް ގޮތުގަ އެވެ.

އިޒްރޭލު ބުނާ ގޮތުން އީރާނަށް ހަމަލާދޭން ޖެހިއްޖެ ނަމަ އެއްވެސް ބައެއްގެ ހުއްދައެއް އެ މީހުން ބޭނުމެއް ނުވާނެ އެވެ. އަދި އެއްވެސް ބައެއްގެ ރުހުމެއް ވެސް ބޭނުމެއް ނުވާނެ އެވެ.

އީރާނުން މިހާރު ވެސް ގެންނަނީ ނިއުކްލިއާ މާއްދާތައް މުއްސަނދިކުރަމުން ކަމަށް އިޒްރޭލު ބުނެ އެވެ. އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަންދެން ބަހަލައްޓަައިގެން ނުތިބޭނެ ކަމަށްވެސް އިޒްރޭލު ބުނެ އެވެ.

ފަސްދޮޅަށް ޕަސެންޓަކީ މާބޮޑު ކަމެއް ކުރެވޭނެ މިންގަނޑެއް ނޫން ނަމަވެސް، ހުރަސްކުރުން މަނާ ރޮނގަކީ އެއީ ކަމުގައި ހަދަން ޖެހުނީ އިޒްރޭލު ބުނާ ގޮތުން އީރާނަކީ އިޒްރޭލު ދެމިއޮތުމަށް ނުރައްކާ ބޮޑު ގައުމަކަށް ވާތީ އެވެ.

އީރާނަށް އަސްކަރީ ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ވިދާޅުވެ އެ ގައުމުގެ ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އެމެރިކާގެ ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިންއަށް ދަންނަވާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އިޒްރޭލުން އަގު ދައްކާފައި ހުރި އަސްކަރީ ވަސީލަތްތައް ފޯރުކޮށްދެއްވުމަށް އޮސްޓިންގެ ކިބައިން ނަތަންޔާހޫ އެދިވަޑައިގެންނެވި ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ހަނގުރާމައެއް ފެށިއްޖެނަމަ ވައިގެ ތެރޭގައި އިޒްރޭލުގެ ފައިޓަރު ޖެޓްތަކަށް ތެޔޮއެޅޭނެ ގޮތް ހެދުމަށް އެމެރިކާގެ ވަސީލަތްތައް އިޒްރޭލަށް ބޭނުންވެ އެވެ. އެހެން ނަމަވެސް، އިޒްރޭލު ބޭނުންވާހާ ސާމާނެއް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަކީ އެމެރިކާއަށް ވާނެ ކަމެއް ނޫން ކަމަށް ލޮއިޑް އޮސްޓިން ވިދާޅުވި ކަމަށް ވެއެވެ.

އެމެރިކާގެ ބޭނުންތަކަށް ބޭނުންވާ ޖެޓްތަކާއި ތެޔޮ ޓޭންކަރުތައް އުފައްދާފައި ނޫނީ އެހެން ގައުމެއްގެ އޯޑަރު ފުރިހަމަނުކުރެވޭނެ ކަމަށް އޮސްޓިން، ނަތަންޔާހޫއަށް ދެންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.