ދުނިޔެ

ނިއުކްލިއާ ޑީލުން އީރާން ވަކިވާން ޕާލަމެންޓަށް ބިލެއް

އީރާންގެ ނިއުކްލިއާ ޑީލާ ބެހޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ތާއަބަދު އޮތުން ނިމުމަކަށް ގެނައުމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މި ބިލުގައި އޮތް ގޮތުން ނިއުކްލިއާ ޑީލަށް ގޮތެއް ނިންމުމަށް އެމެރިކާއާ އެކު މަޝްވަރާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅޭނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެމެރިކާއިން އެދެވޭ ބަދަލުތަކެއް ނުގެނެސްފި ނަމަ، އެމެރިކާއާ އެކު މަޝްވަރާކުރުން އީރާނުން ހުއްޓާލާނެ އެވެ.

ނިއުކްލިއާ މަޝްވަރާތަކުގައި މިހާރު އޮތީ ބުރަކިޖެހިފަ އެވެ. އެއީ އީރާނުން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި، އީރާންގެ ރިވޮލޫޝަނަރީ ގާޑުންގެ ނަން އެމެރިކާގެ "ފޮރިން ޓެރަރިސްޓް އޮގަނައިޒޭޝަން" ގެ ލިސްޓުން ނެގުން ހިމެނެ އެވެ.

މިކަމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ނިއުކްލިއާ ޑީލް ކޮޅެއްގައި ނުޖެހުނު ނަމަވެސް، ރިވޮލޫޝަނަރީ ގާޑުންގެ ނަން ޓެރަރިސްޓުންގެ ލިސްޓުން ނުނަންގަވާނެ ކަމަށެވެ.

އެމެރިކާ އާއި އީރާން މަޝްވަރާކުރަނީ -- އީރާން އާއި ދުނިޔޭގެ ބާރުތަކާ އެކު ކުރިން ހަދާފައި އޮތް "ޖޮއިންޓް ކޮންޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" (ޖޭސީޕީއޯއޭ) އިއާދަކުރުމަށެވެ. މި އެއްބަސްވުން މިހާރު އޮތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އުވާލާފަ އެވެ.

ޖޭސީޕީއޯއޭގައި އެމެރިކާއަށް ވަރަށް މުހިންމު ނުކުތާތަކެއް ވެސް އެބަ ހުއްޓެވެ. އެހެން ނަމަވެސް، އީރާނުން މިހާރު ބުނަނީ ކުރިން އެ އެއްބަސްވުން އޮތް ގޮތަށް ސޮއިނުކުރާނެ ކަމަށެވެ.

އެމެރިކާއިން އީރާން ލައްވައި ސޮއިކުރުވަން އެދޭ ނަމަ އީރާނަށް ފައިދާވާނެ ގޮތްތަކެއް ވެސް އެއްބަސްވުމުގައި އޮންނަން ޖެހޭނެ ކަމަށެވެ.

އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލް ލަހިޔާން ވިދާޅުވި ގޮތުގައި ހުޅަނގުން ބޮޑާހާކާތަން އީރާނަކުން ނުބަލާނެ އެވެ. އަދި ގައުމީ ފެންވަރެއްގައި މި ޑީލާ މެދު ބަހުސްކޮށް އީރާނަށް އެންމެ ކަމުދާ ގޮތެއް ކަނޑައަޅާނެ އެވެ.