އީރާން

ތެޅިގަނެގެން ހުޅަނގާއެކު ނިއުކްލިއާ ޑީލެއް ނުހަދާނަން: އީރާން

އީރާނަށް ފައިދާއެއް ނެތް ގޮތުގައި ތެޅީގަނެގެން -- އަވަސްއަރުވާލައިގެން ހުޅަނގާ އެކު ނިއުކްލިއާ އެއްބަސްވުމެއް ނުހަދާނެ ކަމަށް އީރާނުން ބުނެފި އެވެ.

ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކާ އެކު އީރާނުން 2015 ގައި ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރުމަށް އެމެރިކާ ވަރަށް ބޮޑަށް ޝައުގުވެރިވެ އެވެ. އެ އެއްބަސްވުން -- ޖޮއިންޓް ކޮންޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) މިހާރު އޮތީ ބާތިލުކޮށްފަ އެވެ.

އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ނާސިރު ކަނާނީ ވިދާޅުވި ގޮތުގައި ހުޅަނގުން ކިތަންމެ ޑިމާންޑެއް ކުރި ނަމަވެސް އަސާސީ މުހުތާދެއް، ޝައުގުވެރި ކަމެއް ދޫކޮށްލައި ނިއުކްލިއާ އެއްބަސްވުމަކަށް އަވަސްވެ ނުގަންނަވާނެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން ނިއުކްލިއާ އެއްބަސްވުމަކަށް އިރާން އަވަސްވެ ނުގަތުން ހުޅަނގަށް ވެފައި އޮތީ ބޮޑު ޕްރެޝަރަކަށެވެ. އީރާނަކީ މިނިވަން ދައުލަތެއް ކަމަށް ވިދާޅުވެ ތަރުޖަމާން ވިދާޅުވީ ނަފުސާނީ ގޮތުން އީރާން ބަލިކަށް ކުރުމަކީ ވެސް ހުޅަނގަށް އޮތް ބޭނުމެއް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އީރާނުން އަވަސްކުރަން ބޭނުން ނޫން ނަމަވެސް ހުޅަނގަށް އަވަސް ކުރުވިދާނެ ކަމަށެވެ. ނިއުކްލިއާ އެއްބަސްވުމަކީ ހުޅަނގުން އެހާ ކަންބޮޑުވާ ކަމެއް ނަމަ މާދަމާ ވެސް އެކަން ކުރަންވީ ކަމަށް ވެސް ވިދާޅުވި އެވެ.

އީރާނާ އެކު ހުޅަނގާއި ބައިވެރިން 2015 ގައި ހަދާފައި އޮތް އެއްބަސްވުމުގެ ދަށުން އީރާނަށް އޮތް ފައިދާ އަކީ އިގުތިސޯދީ ދަތިތަކުން ސަލާމަތްވުމެވެ. ހުޅަނގަށް އޮތް ފައިދާ އަކީ އީރާނުން ނިއުކްލިއާ ބޮމެއް ނުއުފެއްދުމެވެ.

އެހެން ނަމަވެސް، އެމެރިކާގެ ރައީސް ކަމުގައި ޑޮނަލްޑް ޓްރަމްޕް ހުންނެވިއިރު، 2018 ގައި ވަނީ ނިއުކްލިއާ އެއްބަސްވުން އުވާލާފަ އެވެ.

ނިއުކްލިއާ އެއްބަސްވުން އުވާލުމާ އެކު ނިއުކްލިއާ މާއްދާތައް މުއްސަނދި ކުރަން އިރާނަށް ފުރުސަތު ހުޅުވިގެން ދެ އެވެ. އަނެއްކޮޅުން ހަރުކަށި ފިއްތުން ތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ.

އެމެރިކާ އާއި ބައިވެރިން ނިއުކްލިއާ އެއްބަސްވުން އަލުން ގާއިމުކުރަން މަސައްކަތް ކުރާއިރު އީރާނުން ޝަރުތުކުރާ ކަންތައްތައް އޮތީ ބަދަލުވެ ފުޅާޥެފަ އެވެ. އީރާނުން ބުނީ އެ ނޫން ގޮތެއްގައި އެއްބަސްވުމަށް އާނއެކޭ ބުނެވެން ނެތް ކަމަށެވެ.