ދުނިޔެ

އިޒްރޭލާ ގުޅުން ބަދަހިކުރަން މަޝްވަރާ އެބަކުރެވޭ: ބިން ސަލްމާން

އިޒްރޭލާ އެކު ޑީލެއް ހެދުމަށް މަޝްވަރާކުރެވޭ ކަމަށް ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ބިން ސަލްމާން ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ފަލަސްތީނަށް ހެޔޮ ގޮތެއް ނެތް ގޮތެއްގައި އިޒްރޭލާ އެކު ސައޫދީ ގުޅުން ބަދަހި ނުކުރާނެ އެވެ.

އިޒްރޭލާ އެކު ގުޅުން ބަދަހިކުރުން ލަސްވާ ސަބަބަކީ ވެސް -- ވަލީއަހުދު ވިދާޅުވި ގޮތުގައި ސައޫދީން އެދޭ މިންވަރަށް ފަލަސްތީނަށް މިނިވަންކަން ދޭން އިޒްރޭލު ބޭނުން ނުވުމެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެ ބިން ސަލްމާން ވިދާޅުވީ އިޒްރޭލަށް އޮތް އެންމެ ބޮޑު ޝަރުތަކީ ވެސް އެއީ ކަމަށެވެ.

އިޒްރޭލާ އެކު ސައޫދީ ސިޔާސީ ގުޅުން ބަދަހިކުރުން، އިޒްރޭލާ ހަމައިން ނުނިމޭނެ ކަމަށްވެސް މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ. އެމެރިކާ ވެސް މިކަމުގައި ފާރަވެރިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ އޮފިޝަލުން ސައޫދީގައި ހަރަކާތްތެރިވާ މަންޒަރު މީގެ ކުރިން ވެސް ނޫސްތަކަށް އޮތީ އަރާފަ އެވެ. ސައޫދީގައި އެ މީހުން ކުރާ ކަމަކާ މެދު ނޫސްވެރިން ވަނީ ސުވާލު އުފައްދައި، ގުޅުން ބަދަހިކުރަނީތޯ އަހާފަ އެވެ.

ސައޫދީން އިޒްރޭލާ ގުޅުން ބަދަހިކުރުމަށް އެމެރިކާއަށް އޮތް ޝަރުތަކީ -- ވަލީއަހުދު ވިދާޅުވި ގޮތުގައި، ސައޫދީގައި މަދަނީ ބޭނުންތަކަށް ނިއުކްލިއާ ޕްރޮގްރާމެއް ގާއިމުކޮށްދިނުމެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ލިބިގެންފިނަމަ އެފަދަ ބާރުވެރިކަމެއް ސައޫދީގައި ވެސް ހުންނަން ޖެހޭނެ ކަމަށް ބިން ސަލްމާން ވިދާޅުވި އެވެ.

އެމެރިކާގައި އުފައްދާ ޒަމާނީ ހަތިޔާރު މެދުކެނޑުމެއް ނެތި ސައޫދީއަށް ލިބޭނެ ގޮތް ހަދައިދިނުމާއި، ސަރަހައްދީ ރައްކާތެރިކަން ވޮޝިންގްޓަނުން ކަށަވަރުކޮށް ދިނުމަކީވެސް އެމެރިކާއަށް އޮތް ޝަރުތެކެވެ.

އިޒްރޭލާ އެކު ގުޅުން ބަަދަހިކުރަން އެމެރިކާއިން ސައޫދީއަށް ބާރުއަޅާނަމަ، މިކަމުގައި އެމެރިކާގެ ދައުރު ފުޅާވާން ޖެހޭ ކަމަށް ވަލީ އަހުދު ވިދާޅުވި އެވެ. އަދި ސައޫދީން ހުށަހަޅާ ޝަރުތުތައް ކޮޅެއްގައި ޖެހުމާއެކު ގުޅުން ބަދަހިކުރަންވީ ކަމަށްވެސް ބިން ސަލްމާން ވިދާޅުވި އެވެ.

އިޒްރޭލުގައި މިހާރު އޮތް ސަރުކާރުގެ ގޮތުން، ފަލަސްތީނަށް މިނިވަންކަން ދޭން އެ މީހުން ބޭނުންނުވާ ކަމަށްވެސް ވަލީއަހުދު ވިދާޅުވި އެވެ.

ބިން ސަލްމާން ވިދާޅުވީ ސައޫދީގެ ޝަރުތުތަކަށް އިޒްރޭލު އެއްބަސްވީހާ އަވަހަށް މަޝްވަރާތައް ނިމި އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށެވެ.