އީރާން އޮތީ ނިއުކްލިއާ ބޮމެއް ހެދޭ ހިސާބުގައި ކަމަށް އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް ގާތް އެޑްވައިޒަރަކު ވިދާޅުވެއްޖެ އެވެ.
ގަތަރުގެ އަލްޖަޒިރާ ޓީވީއާ ހަވާލާދީ ރޮއިޓާސް ބުނާ ގޮތުގައި ނިއުކްލިއާ ބޮމެއް އުފައްދަން ބޭނުންވާ ހުރިހާ ޓެކްނޮލޮޖީއެއް އީރާނަށް ލިބިފައި ހުރި ކަމަށް އެޑްވައިޒަރު -- ކަމާލް ޚައްރާޒީ ވިދާޅުވި އެވެ.
އެހެން ނަމަވެސް، ނިއުކްލިއާ ބޮމެއް އުފައްދަން އަދި ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނިއުކްލިއާ ބޮމެއް ބޭނުންކުރުމަކީ އީރާންގެ ވިސްނުމުގައި މިވަގުތު އޮތް ކަމެއް ނޫން ކަމަށް ވެސް އެޑްވައިޒަރު ވިދާޅުވި ކަމަށް ރޮއިޓާސް ރިޕޯޓްކުރެ އެވެ.
ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ޚާމަނާއީއަށް ލަފާއަރުވާ ކަމާލް މި މޭރުމުން ވާހަކަދެއްކެވީ އެމެރިކާގެ ރައިސް ޖޯ ބައިޑަން މެދުއިރުމައްޗަށް -- އިޒްރޭލަށާއި ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވި ފަހުންނެވެ.
ބައިޑަން އިޒްރޭލަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގައި އީރާނަށް ބަހުގު ހަމަލާތަކެއް ދެއްވި އެވެ. އީރާން ނިއުކްލިއާ ބޮމެއް އުފައްދަން އުޅޭ ނަމަ ހަތިޔާރު ބޭނުންކޮށްގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.
ބައިޑަން ސައުދީއަށް ވަޑައިގެން ވެސް އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަދެއްކެވި އެވެ. އަދި އެއީ ކޮންމެހެން ވެސް ހުއްޓުވަން ޖެހިފައި އޮތް ޕްރޮގްރާމެއް ކަމަށް ވިދާޅުވި އެވެ.
ކަމާލް ޚައްރާޒީގެ ވާހަކަތަކާ މެދު ބުނެވެނީ އެކަމުން އަންގައިދެނީ ނިއުކްލިއާ ބޮމެއް އުފައްދަން އީރާނުން މަސައްކަތްކުރާ ކަމެވެ. އަދި ނިއުކްލިއާ ބާރުވެރިކަން ހޯދުމަކީ އީރާން ޝައުގުވެރިވާ ކަމެއް ކަމެވެ.
އީރާން ބުނެފައިވާ ގޮތުން ނިއުކްލިއާ ބޮމެއް އުފެއްދުމަކީ އީރާން ކުރާނެ ކަމެއް ނޫނެވެ. އެފަދަ ބާރުވެރިކަމެއް ހޯދުމަކީ އެމީހުންގެ ގަބޫލުކުރުންތަކާ ފުށުއަރާ ކަމެއް ކަމަށް ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.
ކަމާލް ވިދާޅުވި ގޮތުގައި ނިއުކްލިއާ ގާބިލުކަން 60 ޕަސެންޓަށް އިތުރުކޮށް އަދި 90 ޕަސެންޓަށް އިތުރުކުރުމަކީ މިހާރު އީރާނަށް އެއްވެސް ކަމެއް ނޫނެވެ. އެކަމަށް ބޭނުން ވަނީ މަދު ދުވަސްކޮޅެއް ކަމަށް ވެސް ވިދާޅުވި އެވެ.