އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަންދެން ބަލަހައްޓައިގެން އެމެރިކާ ނޯންނާނެ ކަމަށް ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ހަތިޔާރު އުފުލައި އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ނޫން ގޮތެއް ނެތް ނަމަ އެއީ ސުވާލެއް ވެސް އޮތްކަމެއް ނޫން ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ.
އީރާނާ ހެދި މެދުއިރުމަތި ޚަރާބުވުމަކީ ބޮޑު ހަލާކަކަށް ވާނެ ކަމަށާއި އެންމެ ގައުމެއްގެ މަސްލަހަތަށް ޓަކައި ދޫދެއްވުމެއް ނޯންނާނެ ކަމަށް ވެސް އިޒްރޭލު ޓީވީ -- ޗެނަލް 12 އަށް ބައިޑަން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އަސްކަރީ ގޮތުން އީރާނަށް ބިރުދައްކައި ހަމަލާއެއް ދޭން ޖެހިއްޖެ ނަމަ ރޭވުން އޮތް ގޮތާ ބެހޭ ގޮތުން ސަރަހައްދީ ގައުމުތަކާ މަޝްވަރާ ކުރެއްވި ކަމަކަށް ބައިޑަން ވިދާޅެއް ނުވި އެވެ. އަދި އިޒްރޭލުގެ އަސްކަރިއްޔާގައި ވަކި ރޭވުމެއް އޮތްތޯ ދެންނެވުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އީރާންގެ ރިވޮލޫޝަނަރީ ގާޑް ކޯޕްސް އަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އަދި އީރާނާ އެކު ކުރަމުން ގެންދާ ނިއުކްލިއާ މަޝްވަރާތަކަށް ބުރޫއެރި ނަމަވެސް އެ ނަން އޮންނާނީ "ޔޫއެސް ފޮރިން ޓެރަރިސްޓް އޮގަނައިޒޭޝަން" ލިސްޓްގައި ކަމަށް ވެސް ވިދާޅުވި އެވެ.
ބައިޑަން މިހާރު އުޅުއްވަނީ މެދުއިރުމައްޗަށް ކުރައްވާ ދަތުރެއްގައި އިޒްރޭލުގަ އެވެ. މި ދަތުރުގެ އެންމެ މުހިންމު އައިޓަމަކީ ބައިޑަން ސައޫދީއަށް ވަޑައިގަންނަ ގޮތަށް އޮތް އޮތުމެވެ.
ސައޫދީއަށް ވަޑައިގެން ސަރަހައްދީ މަސްލަހަތާ ބެހޭ ގޮތުން ބައިޑަން މަޝްވަރާ ކުރައްވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަދި އިޒްރޭލާ އެކު ގުޅުން ބަދަހިކުރާ އަރަބި ގައުމުތައް އިތުރުކުރުމަށް ބައިޑަން ބާރުއަޅުއްވާނެ އެވެ.
އިޒްރޭލާ އެކު ގުޅުން ބަދަހިކުރަން ސައޫދީ ކަނޑައަޅާފައި ހުރި ޝަރުތުތަކަށް ބައިޑަން ވިސްނަވާނެ ކަމަށް ވެސް ބެލެވެ އެވެ. އޭގެ އިތުރުން އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ ނިސްބަތް އިތުރުކުރުމަށް ވެސް ބައިޑަން އެދިވަޑައި ގަންނަވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުގެ ފްލައިޓްތަކަށް ސައޫދީގެ ވައިގެ ސަރަހައްދު، ބައިޑަންގެ މި ދަތުރަށް ފަހު ހުޅުވާލާނެ އެވެ. އޭގެ ބަދަލުގައި އެމެރިކާ އާއި އިޒްރޭލުން މެދުއިރުމައްޗަށް އަދި ސައޫދީއަށް ކޮށްދޭން އޮތީ ކޮން ކަމެއް ކަން އަދި ހާމައެއް ނުކުރެ އެވެ.
އިޒްރޭލު ޓީވީ ޗެނަލް 12 އަށް ބައިޑަން ވިދާޅުވި ގޮތުގައި މައްސަލަ އަކީ އީރާން ވުޖޫދުވުމެއް ނޫނެވެ. އެކަމަކު ފަނާކުރަނިވި ގައުމަކަށް އީރާން ބަދަލުވާން ކުރާ މަސައްކަތްތަކެވެ.