ސައޫދީގެ ވައިގެ ސަރަހައްދު ހުރަސްކޮށް މަދަނީ ފްލައިޓްކަށް މިހާރު ދަތުރުކުރެވޭނެ ކަމަށް އެގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން އިން އިއުލާންކޮށްފި އެވެ.
ސިވިލް އޭވިއޭޝަން އޮޓޯރިޓީން ބުނި ގޮތުގައި އެ އިދާރާއިން ކަނޑައަޅާފައި ހުރި ޝަރުތުތައް ފުރިހަމަވާ ހުރިހާ ފްލައިޓަކަށް އެ ހުއްދަ އޮންނާނެ އެވެ.
އެހެން ނަމަވެސް، އަމަލީ ގޮތުން މި އަމުރުގައި ސިފަޖެހޭނެ ވަކި ވަގުތެއް ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކޮށްފައެއް ނުވެ އެވެ.
ސައޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި ވައިގެ ސަރަހައްދު ހުޅުވާލުމުގައި ދެ ބޭނުމެއް އެބަ އޮތެވެ. އެއީ ވިޔަފާރީގެ ގޮތުން ސައޫދީ ދުނިޔެއަށް ހުޅުވާލުމާއި އަދި އެގައުމުން ބައިވެރިވާ ބައިނަލްއަގްވާމީ އެއްބަސްވުންތަކަށް އެއްބާރުލުން ދިނުމެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މެދުއިރުމައްޗަށް ކުރައްވާ ދަތުރާ ގުޅިގެން ސައޫދީގެ ވައިގެ ސަރަހައްދު މަދަނީ ފްލައިޓްތަކަށް ހުޅުވާލާނެ ކަމަށް ކުރިން ވެސް އޮތީ އެނިގަ އެވެ. އެއީ އިޒްރޭލުގެ ފްލައިޓްތަކަށް ސައޫދީ ވައިގެ ސަރަހައްދު ހުޅުވާލުމުގެ ބޭނުމުގަ އެވެ.
ސައުދީން ކުރިން ބުނި ގޮތުން އެމެރިކާ އާއެކު ކުރެވޭ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް މެދުއިރުމަށްޗަށް އަންނާނެ ކަމަށް ވާނަމަ އެމެރިކާގެ ބައެއް ހުށަހެޅުންތަކަށް ސައޫދީން އިޖާބަދޭނެ އެވެ.
ސައުދީން ހުށަހަޅާފައި އޮތް އެންމެ ބޮޑު ޝަރުތަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުމެވެ. އެމެރިކާ އިސްވެ އެކަމަށް މަސައްކަތް ކޮށްދޭ ނަމަ ސައޫދީން -- މުޅި މެދުއިރުމަތި ޝާމިލްވާ ގޮތަށް، އިޒްރޭލާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބައިޑަން ވެސް ވަނީ ސައޫދީގެ ހުށަހެޅުމަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އިޒްރޭލަށް ވަޑައިންގެ އެގައުމުގެ ވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގައި ވެސް، މެދުއިރުމައްޗަށް ސުލްހަ ގެނެވެން އޮތް ގޮތަކީ ދެ ދައުލަތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.