ދުނިޔެ

އަރަބި ގައުމުތަކާ ގުޅުން ބަދަހިކުރަން އިޒުރޭލަށް އޮތީ ރަނުގެ ފުރުސަތެއް: ބްލިންކެން

އިޒްރޭލާއެކު ގުޅުން ބަދަހިކުރަން އަވައްޓެރި އަރަބި ގައުމުތަކުން ތައްޔާރު ކަމަށް ވިދާޅުވެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވީ، އިޒުރޭލަށް ލިބިފައި އޮތް ރަނުގެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ ވުން ގާތީ ދެރަ ގޮތް ކަމަށެވެ.

ބްލިންކެން ވިދާޅުވި ގޮތުން އަރަބި ގައުމުތައް ވަރަށް އިހުލާސްތެރި އެވެ. އެ ފަދަ އިހުލާސްތެރި ކަމަށް އިޒުރޭލުން ވެސް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮތުމަކީ ރައްކާތެރި ކަމާއެކު އިޒުރޭލު ދެމިއޮތުމަށް ކުރެވެން އޮތް އެންމެ މުހިންމު އިންވެސްޓްމަންޓް ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

ޖަރުމަނުގެ މިއުނިކްގައި -- މިއުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ބްލިންކެން ވިދާޅުވީ މަޝްވަރާތައް މެކުހަށް ޖެހުމަކީ އެންމެ އެދެވޭ ކަން ކަމަށެވެ.

އަރަބި ގައުމުތަކަށް އޮތް މައްސަލަަ އަކީ އިޒުރޭލު ނޫން ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ. އަރަބި ގައުމުތަކަށް އޮތް ކަންބޮޑުވުމަކީ ފަލަސްތީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާ އަދި ސައުދީއަށް ބައިއަތުހިފައިގެން ތިބި ގައުމުތަކުގެ އެދުމަކީ ފަލަސްތީން މިނިވަންވުން ކަމަށާއި -- ފަލަސްތީނަށް މިނިވަން ދައުލަތެއް ހަމަޖެހިއްޖެ ނަމަ، އިޒުރޭލަށް އެކަން ވާނީ ރަނުގެ ފުރުސަތަކަށް ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

އަރަބި ގައުމުތަކާ އެކު އެމެރިކާ ކުރާ ހުރިހާ މަޝްވަރާއެއް ކޮޅެއްގައި ނުޖެހި، ފެނަށް ވެގެން ނުވާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

އިޒުރޭލަށް މިހާރު އޮތް ގޮތަކީ ބައިނަލްއަގްވާމީ ދުނިޔޭގެ އެދުމަށް އިޖާބަދިނުމާ އެކު ގޮތްދޫނުކުރުން ދޫކޮށްލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލާ ގުޅުން ބަދަހިކުރާނެ ގައުމުތައް، މެދުއިރުމަތިން ހޯދައި މަޝްވަރާކުރުމަކި ބައިޑަން ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

މަޝްވަރާގެ ވަކި ހިސާބުން މޭޒު ދޫކޮށް ދިއުމުން، މަޝްވަރާތަަކަށް ރުޖޫއަވުމަށް އަނެއްކާ ވެސް އަހަރުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒުރޭލާ ގުޅުން ބަދަހިކުރަން ސައޫދީއަށް އޮތް ޝަރުތަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމެވެ. އެ ނޫން ގޮތެއްގައި އިޒުރޭލާ އެކު ގުޅުން ބަދަހި ނުކުރާނެކަން ސައޫދީން ވަނީ ރަސްމީކޮށް އެމެރިކާއަށް އަންގާފަ އެވެ.