ދުނިޔެ

ފަލަސްތީނަށް ގޮތެއް ނެތި އިޒްރޭލާ ގުޅުން ބަދަހިކުރުމަކީ ބޭކާރުކަމެއް: ސައޫދީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މިހާރު އުޅުއްވަނީ ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ވެރިންނާ ބައްދަލުކުރެއްވުމުގަ އެވެ. ސައޫދީގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ވެސް ބްލިންކެން ބައްދަލުކުރެއްވި އެވެ.

ބްލިންކެން ސައޫދީއަށް ވަޑައިގެންނެވިއިރު އެޖެންޑާގައި އޮތީ ސޫދާން ސުލްހަކުރުމުގެ ވާހަކަ އާއި ދުނިޔެއަށް ތެޔޮ ސަޕްލައިކުރުން އަދި ޔުކްރޭންގެ ވާހަކަ އެވެ. އަރަބި ގައުމުތަކުގެ މެދުގައި އިޒްރޭލަށް އޮތް ތާއީދު އިތުރުކުރެއްވުމަކީ ވެސް ބްލިންކެން މަޝްވަރާކުރެއްވި މައުލޫއެކެވެ.

ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން ވިދާޅުވި ގޮތުގައި އަރަބި ގައުމުތަކުން އިޒްރޭލާ ގުޅުން ބަދަހިކުރިއެއް ކަމަކު -- ފަލަސްތީނަށް ހެޔޮ ގޮތެއް ވުމަށް ދާންދެން، އެ ގުޅުމެއްގައި ގާތްކަމެއް އަދި އަޅާލުމެެއް ނޯންނާނެ އެވެ.

ފައިސަލް ބިން ފަރުހާން ވިދާޅުވީ އެމެރިކާއަށް އިޒްރޭލު މުހިންވާ ވަރަށް ވުރެ ބޮޑަށް ސައޫދީއަށް ފަލަސްތީން މުހިންމު ކަމަށެވެ. އަދި ފަލަސްތީނަށް މިނިވަން ދައުލަތެއް ވުޖޫވުމަށް ފަހުގައި މެނުވީ އިޒްރޭލަކީ އަރަބިން އަޅާލާ ގައުމަކަށް ނުވާނެ އެވެ.

ސައޫދީގެ މި ބުނުމަކީ އެމެރިކާއަށް އަޑުއަހަން ފަސޭހަ ޖުމުލަތަކަށް ނުވާނެ އެވެ. އަނެއްކޮޅުން، ސައޫދީއާ އެކު ގުޅުން ބަދަހިކުރުމަށް އިޒްރޭލަށް ފުރުސަތު ފަހިކޮށްދިނުމަށް ޔަހޫދީ ދައުލަތުން ހަވާލުކޮށްފައި އޮތީވެސް އެމެރިކާއާ އެވެ.

އިޒްރޭލުގެ ނުފޫޒުގަދަ ޔަހޫދީ ޖަމާއަތްތަކާ ބައްދަލުކުރައްވައި ބްލިންކެން ވަނީ އިޒްރޭލާ އެކު ސިޔާސީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ސައުދީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައޫދީއަށް ވަޑައިގެން މި ހުށަހެޅުން ބްލިންކެން ހުށަހެޅުއްވި ނަމަވެސް ލިބިވަޑައިގަތީ މީގެ ކުރިންވެސް ލިބިވަޑައިގަތް ޖަވާބެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ސައުދީން ވަނީ ބްލިންކެންއަށް ދަންނަވާފަ އެވެ.

ސައޫދީއާ މަޝްވަރާކުރެއްވުމަށް ފަހު ބްލިންކެން ދެން ފޯނުކުރެއްވީ އިޒްރޭލުގެ ހަރުކަށި ޔަހޫދީ ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫ އަށެވެ.

ބްލިންކެން ވިދާޅުވީ އަރަބި ދައުލަތްތަކުގެ މެދުގައި އިޒްރޭލަށް އޮތީ އަޅާލުން ކަމަށެވެ. އެހެންކަމުން އިޒްރޭލުންވެސް މި ފުރުސަތު ނަގާލައިގެން ނުވާނެ ކަމަށެވެ.

ސުލްހައަށް އޮތް ފުރުސަތާ މެދު އިޒްރޭލުން ވިސްނައި ގޮތެއް ނިންމުމުން ނޫނީ މުއާމަލާތްތައް ކުރިއަށް ނުދާނެ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

އަރަބި ގައުމުތަކާ އެކު އިޒްރޭލަށް ނޫޅެވިގެން އުޅެނީ ޔަހޫދީންގެ ބޮޑާކަމާއި ކެހިވެރިކަމާއި އަނިޔާވަރިކަމާއި އަދި ގޮތްކުޑަކަމުގެ ސަބަބުންނެވެ.