ސައޫދީ އަރަބިއްޔާ އާއެކު ގުޅުން ބަދަހި ކުރަން އެދިވަޑައި ގަންނަވާ ކަމަށް ވިދާޅުވެ އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދު ވިދާޅުވީ ސައޫދީއާ މަޝްވަރާކޮށް އެއްބަސްވުމަކަށް ދިއުމަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ.
ސައޫދީ އާއެކު އެއްބަސްވުމަކަށް ދިއުމަކީ އަރަބި އެހެން ގައުމުތަކާއެކު އެއްބަސްވުމެއް ހެދުން ފަދަ ކަމަށް ނުވާނެ ކަމަށް ޔައީރު ލަޕީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސައޫދީ އާއެކު އެއްބަސްވުމެއް ގާއިމު ކުރެވެން އޮތީ ބޯބަހައްޓައިގެން ފަހަރަކު އަކުރެއްގައި ފިލިޖަހަމުންނެވެ.
ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި ދެގައުމުގެ ދެމެދުގައި އޮތް ވާންކަން ކަނޑުވާލުމަށް އެއްބަސްވުންތައް ހަނދަން ޖެހެ އެވެ. އެކަމުގައި އޮތީ އިޒްރޭލު ބޭނުންވާ ގޮތާއި ސައޫދި ބޭނުންވާ ގޮތް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްބަސްވުމަކަށް ދެވިދާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް އޮތީ ދިގު ރާސްތާއެކެވެ.
ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކުރިން ވިދާޅުވި ގޮތުގައި އިޒްރޭލަކީ ދުޝްމަނެއް ކަމަށް ގަބޫލުކޮށް އިޒްރޭލަށް އަރައިގަތުމަށް އެއްވެސް ބަޔަކަށް ސައޫދީ ހިތްވަރެއް ނުެދޭނެ އެވެ. އެހެން ނަމަވެސް ދެގައުމުގެ ގުޅުން މިހާރަށް ވުރެ ރަނގަޅުކުރަން އެދޭ ނަމަ އިޒްރޭލުން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.
ސައޫދީން ބުނީ ފަލަސްތީންގެ ހާލަތު މިހާރު އޮތް ގޮތަށް އޮއްވައި އިޒްރޭލާ ގުޅުން ބަދަހި ނުކުރާނެ ކަމަށެވެ. އިޒްރޭލާ ގުޅުން ބަދަހިކުރަން ފުރަމަތަ ކުރަން ޖެހޭ ކަމަކީ ފަލަސްތީން ހެޔޮ ހާލަތަކަށް ބަދަލުކުރަން މަޝްވަރާކުރުން ކަމަށް ވެސް ސައޫދީން އޮތީ ބުނެފަ އެވެ.
ޔައީރު ލަޕީދު ވިދާލުވި ގޮތުގައި ސައޫދީއާ ގުޅުން ބަދަހި ކުރުމަށްޓަކައި ގަލްފުގެ އެހެން ގައުމުތަކާ ވެސް މަޝްވަރައްވާނެ އެވެ. އަދި އެމެރިކާގެ ވިސްނުން ހުރި ގޮތަކަށް ވެސް ރިއާޔަތް ކުރައްވާނެ އެވެ.