އެމެރިކާގެ ސަރުކާރު 2021 ގައި ބަދަލުވިއިރު -- ޔަމަނުގެ އަރިމަތީގައި ވަކިހިއްޕައިގެން ތިބި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ -- ހޫސީންގެ ނަން އޮތީ އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުގަ އެވެ.
ޖެނުއަރީ 20، 2021 ގައި ޖޯ ބައިޑަން އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ހާރިޖީ ސިޔާސަތަށް ވަރަށް ކުއްލި ގޮތަށް ގެންނެވި ބަދަލެއްގައި، ހޫސީންގެ ނަން ޓެރަރިސްޓުންގެ ލިސްޓުން ނެންގެވި އެވެ.
އެއަށް ފަހު ހޫސީންނަކީ މިއަދާ ހަމައަށް -- އެމެރިކާ ގަބޫލުކުރާ ގޮތުގައި ޓެރަރިސްޓުންނެއް ނޫނެވެ.
ނަމަވެސް އިޒްރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ހޫސީ ހަނގުރާމަވެރިން ރަތް ކަނޑަށް ނުކުމެ، މުދާއުފުލާ ބޯޓުތަކަށް ހަމަލާދޭން ފެށުމުން އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓަށް ހޫސީންގެ ނަން ރަސްމީކޮށް އަނެއްކާވެސް މިވަނީ އިތުރުކޮށްފަ އެވެ.
އެމެރިކާ ސަރުކާރުން އޭރު ވެރިކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި ޓެރަރިސްޓުންގެ ލިސްޓަށް ހޫސީންގެ ނަން އެރުވީ، ޔަމަނުގައި އެ ޖަމާއަތުން ޓެރަރިސްޓް އަމަލުތަކެއް ހިންގަމުން ގެންދާތީ އެވެ.
ޔަމަނުގެ ވެރިކަމަށް ވެރިވެގަތުމަށް އެ ގައުމުގައި އޭރު އޮތް ސަރުކާރު ވައްޓާލައި، ސައޫދީ އަރަބިއްޔާ އަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ޑްރޯނުންނާއި މިސައިލުން ހަމަލާ ދޭން ފެށުމުން ހޫސީންނަކީ ޓެރަރިސްޓުން ކަމަށް ނިންމައި ޓްރަމް ސަރުކާރުން އެ ފިޔަވަޅު އެޅީ އެވެ.
ޖޯ ބައިޑަން ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ސައޫދީ އަރަބިއްޔާއާ މެދު ހިތްޕުޅުގައި އޮތީ ނަފްރަތެވެ. ރައީސް ކަމަށް ވާދަކުރެއްވިއިރު -- ކެމްޕޭން ތެރޭގައިވެސް ސައޫދީ އަރަބިއްޔާ ސައިޒު ކުރައްވާނެ ކަމަށް ކިތަންމެ ފަހަރަކު ވިދާޅުވި އެވެ.
އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުން ހޫސީންނަށް އެހާ ފަސޭހައިން ބޭރުވެވުނީ ބައިޑަންގެ މިޒާޖުގައި ސައޫދީ އަށާއި ގަލްފަށް އޮތް ހަސަދަވެރިކަމެއްގެ ސަބަބުންނެވެ.
ޓެރަރިސްޓުންގެ ލިސްޓުން ހޫސީންގެ ނަން ނެގުމުން، އެމެރިކާގެ ކުންފުނިތަކަށް އެ ޖަމާއަތާ އެކު ވިޔަފާރިކުރުމާއި ހަތިޔާރު ވިއްކުން ފަދަ މުއާމަލާތްތައް ސައްހަވެގެން ދިޔަ އެވެ.
ހޫސީންގެ ނަން އަނެއްކާ ވެސް ޓެރަރިސްޓުންގެ ލިސްޓަށް އެރީ، ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް ހަމަލާ ދޭން ފެށުމުންނެވެ. މިކަމުގައި އެމެރިކާއަށް އޮތް ނުތަނަވަަސް ކަމަކީ އަދި އެމެރިކާގެ ޝައުގުވެރިކަމާ ގުޅިފައި އޮތް ކަމަކީ ހޫސީން ހަމަލާދެނީ އިޒްރޭލަށް މުދާ އުފުލާ ބޯޓުތަކަށް އެކަނި ކަމަށް ވުމެވެ.
ރަތް ކަނޑު ސަލާމަތްކޮށް ރައްކާތެރި ކުރުމަށް އެމެރިކާ އިސްވެ އެކުލަވާލި އަސްކަރީ ފައުޖަކުން، ޔަމަނުގައި ހޫސީން ގާއިމުކޮށްފައި ހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން -- އެމެރިކާއާއި އިނގިރޭސިންގެ މުދާއުފުލާ ބޯޓުތަކަކީ ހަމަލާދިނުމުގައި ސައްހަ އަމާޒުތަކެއް ކަމަށް ބަލާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.