ދުނިޔެ

ރަފާހްއަށް އަރައިފިނަމަ ހަމަލާތައް ފުޅާކުރާނަން: ހޫސީން

އިޒުރޭލު ސިފައިން ޣައްޒާގެ ރަފާހްއަށް އަރައިގެންފިނަމަ ޔަހޫދީންނާ ދެކޮޅަށް ހަމަލާތައް އިތުރުކޮށް ފުޅާކުރާނެ ކަމަށް އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން ބުނެފި އެވެ.

ހޫސީންގެ ސްޕްރީމް ޕޮލިޓިކަލް ކައުންސިލްގެ މެމްބަރު މުހައްމަދު އަލީ ބުނި ގޮތުން އިޒުރޭލުން ހަމަލާތައް ފުޅާކޮށްފިނަމަ، ޔަހޫދީންނާ ދެކޮޅު ހަމަލާތައް މުޅި ސަރަހައްދަށް ފަތުރާލުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

ޣާއްޒާގެ އާންމުން ބަނޑަށް ޖައްސައި، އެހީ ވައްދަން ހުރި މަތުގައް ބަންދުކުރުން ފަދަ ލާއިންސާނީ ހަރަކާތްތައް ޔަހޫދީންގެ ފަރާތުން ފެންނަހާ ހިނދެއްގައި އަތް އުރާލައިގެން ނުތިބޭނެ ކަމަށްވެސް ހޫސީން ބުންޏެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް އަރައިގަތުމަށް މަގުފަހިކުރުމަށް އާންމު ރައްޔިތުން އެ ސިޓީން ނުކުތުމަށް ނުވަތަ ނެރުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ޔަހޫދީ އަސްކަރިއްޔާއަށް އަންގާވާފަ އެވެ.

ރަފާހް ދޫކޮށް މިސްރުގެ ބޯޑަރަށް ޖަމާވުމަށްވެސް ޔަހޫދީ އަސްކަރިއްޔާއިން އޮތީ އަމުރުކޮށްފަ އެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް ވަދެގަތުމަށް މިހާރު ތިބީ ތައްޔާރަށެވެ. ރަފާހްއަށް ނޭރުމަށް އދ އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުން އިޒުރޭލަށް އަންގާފައި އޮތް ނަމަވެސް ނަތަންޔޫގެ ހުންނެވީ އެކަން ހުއްޓާލާ ގޮތަކަށް ނޫނެވެ.

ރަފާހްގައި ތިބި އާންމުންގެ ހާލަތަށް ބެލުމެއް ނެތި އެ ސިޓީއަށް އަސްކަރިއްޔާ ވަދެގަތުމަކީ އިންސާނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމެއް ކަމަށް ނުފޫޒުގަދަ ގައުމުތަކުންވެސް ދަނީ ބުނަމުންނެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް އަރައިގަތުން ހުއްޓުވައި ދިނުމަށް އެެދި ސައުދީ އަރަބިއްޔާއިން ވަނީ އދގައި އެދިފަ އެވެ.

ގަތަރާއި މިސްރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭ ގޮތުން – ހަނގުރާމަ ހުއްޓުވުމަށް މެދުވެރިންގެ ގޮތުގައި މަޝްވަރާކުރި ގައުމުތަކުން ވެސް ވަނީ ރަފާހްއަށް އަރައިގަތުން ކުށްވެރިކޮށްފަ އެވެ.

އިޒުރޭލުން ރަފާހްއަށް އަރައިގެންފިނަމަ ސުލްހައަށް ކޮށްފައި ހުރި ހުރިހާ މަސައްކަތެއް ފެނަށް ވާނެ ކަމަށްވެސް މި ގައުމުތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ޔަހޫދީ ޒަޔަނިސްޓުން ތިބީ ސުލްހައަށްޓަކައި އެއްވެސް ކަމެއް ކުރާ ގޮތަކަށް ނޫނެވެ.