އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމެއް ނުހެދިއްޖެ ނަމަ މުޅި މެދުއިރުމަތި "ވަރަށް ނުރައްކާތެރި" މަރުހަލާއެއް ތަޖުރިބާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީ ޚާރިޖީ ވަޒީރު ދެއްވައިފި އެވެ.
ފައިސަލް ބިން ފަރްހާން ވިދާޅުވި ގޮތުގައި އަސްކަރީ ފެންވަރަށް އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފި ނަމަ ދެން ސައްލާކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
އީރާންގެ ނުފޫޒު މެދުއިރުމަތިން ބޭރުވެ ގަލްފަށާއި އެފްރިކާއަށް ވެސް ފޯރާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ދުބާއިގައި ސައޫދީ ގެޒެޓަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި ނިއުކްލިއާ ބާރަކަށް އީރާން ވެދާނެ ކަމަށް ބަލައި -- އީރާންގެ އަވައްޓެރިންނަށް މިހާރު އޮތް ގޮތަކީ ދިފާއު ވަރުގަދަ ކުރުމަށް ހަތިޔާރު ހޯދުން ކަމަށެވެ.
ދުނިޔޭގެ ބާރުތަކުން އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމެއް ނުހަދައިފި ނަމަ އެންމެ ނުރައްކާ ބޮޑީ ސައޫދީއަށް ކަމަށް ވެސް ފައިސަލް ބިން ފަރްހާން ވިދާޅުވި އެވެ. އީރާނުން އެންމެ ފުރަތަމަ ދިމާކުރާނީ އަސްކަރީ ގާބިލުކަމެއް ނެތް ގައުމުތަކާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
އީރާންގެ ފަރާތުން އަަވައްޓެރިންނަށް ދޭން ޖެހޭ ޔަގީން ކަމަކީ އީރާނުން ނިއުކްލިއާ ބާރަކަށް ނުވާނެކަން ކަމަށް ފަރްހާން ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި އިރާނާ މެދު އޮންނަ ޝައްކު ފިލައިގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައޫދީގެ ވަޒީރު ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށް ހެޔޮ ގޮތުގައި ބަލައިގަތް ނަމަވެސް ނިއުކްލިއާ ބާރަކަށް ވުމަށް އެ ގައުމުން ގެންގެޅޭ ޝައުގުވެރިކަން ދޫކޮށްލާނެ ކަމަށް ފެނިވަޑައި ނުގަންނަވަ އެވެ.
އޭނާ އަދި ވިދާޅުވީ 2015 ގައި ދުނިޔޭގެ ބާރުތަކާ އެކު ނިއުކްލިއާ އެއްބަސްވުމަކުން އީރާނަށް ކަންތައްތަކެއް ލާޒިމުކޮށްފައި އޮތްއިރު ވެސް، އީރާނުން ސިއްރިއްޔާތުގައި ނިއުކްލިއާ ފައްކާކުރި ކަމަށެވެ.
އެމެރިކާ ހިމެނޭ ގޮތުން ނުފޫޒުގަދަ ގައުމުތަކުން އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމަކަށް ތައްޔާރުވަމުން ދަނިކޮށް ޔުކްރޭން ހަނގުރާމަ ފެށި އޭގެ އަސަރު އޮތީ މަޝްވަރާތަކަށް ކޮށްފަ އެވެ.
އަދި އީރާނުން ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ މައްސަލާގައި ނިއުކްލިއާ އެއްބަސްވުން މިހާރު އޮތީ ކަރުތާފެނުގަ އެވެ.