ގަތަރުން އީރާނަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު އަލީ ބިން ހަމަދު އައްސަލީތީ އަވަހާރަކޮށްލަން އީރާންގެ ސަރުކާރުން މަސައްކަތްކުރި ކަމަށް ބުނާ ރިޕޯޓްތަކަކާ ގުޅިގެން އީރާންގެ ފޮރިން މިނިސްޓްރީން ރައްދު ދީފި އެވެ.
އީރާންގެ ފޮރިން މިނިސްޓްރީގެ ބަޔާންގައި ބުނެފައިވަނީ ދޭދޭ ގުޅުންތައް ހީނަރުވާ ޒާތުގެ މައުލޫތަކަށް ނޫސްތަކުން ޚަބަރު އުފެއްދުމުގައި ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ޒިންމާދާރު ކަމެއް ނެތި ދެކެވޭ ވާހަކަތަކުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.
ސޯޝަލް މީޑިއާ ޗެނަލްތަކުގައި މި މައްސަލައާ ބެހޭ ގޮތުން ދެކެވިފައި ހުރި ވާހަކަތަކުގައި ބުނެފައިވަނީ 2018 ގައި ގަތަރުގެ ސަފީރު އަވަހާރަކޮށްލަން އީރާނުން ރޭވި ކަމަށެވެ. އަދި އެއީ ތެހެރާންގެ މަގުމަތީގައި ހިނގި ހާދިސާއަކަށް ހަދަން ރޭވި ކަމަށް ވެސް ޓެލެގްރާމް މެސެޖްތަކުގައިވެ އެވެ.
މި މައްސަލައާ ބެހޭ ގޮތުން ގަތަރުގެ އެމްބަސީން އެއްވެސް ބަހެއް ނުބުނެ އެވެ. ގަތަރުން އީރާނަށް މިހާރު ހަމަޖައްސާފައި ހުންނަވާ ސަފީރަކީ މުހައްމަދު ބިން ހަމަދު އަލްހަޖްރީ އެވެ.
އީރާން އާއި ގަތަރަކީ ވަރަށް ގާތް ދެ ގައުމެވެ. މެދުއިރުމަތީ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާފައި އޮތް ދުވަސްވަރު ގަތަރަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނީ ވެސް އީރާން އާއި ތުރުކީންނެވެ.
މެދުއިރުމަތީ ގައުމުތަކުން ގަތަރުގެ ކިބައިން އެދުނީ އަލްޖަޒީރާ ނެޓްވޯކް ސެންސަރު ކުރުމަށާއި މުސްލިމް ބްރަދަހޫޑްއަށް ހޭދަކުރުން ހުއްޓާލުމަށެވެ. އަދި ސައޫދީއާ އިދިކޮޅަށް ވާގިވެރި ނުވުމަށާއި އީރާނާ ދުރަށް ދިއުމަށެވެ.
މިމައްސަލާގައި ގަލްފު ގައުމުތަކުން ގަތަރާއެކު ހައްލެއް ހޯދާފައިވާއިރު މާބޮޑު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
އީރާން އާއި ގަތަރުން މިހާރު ވެސް ވިޔަފާރި މުއާމަލާތްތައް ކުރެ އެވެ. އަދި ބޮޑެތި އެއްބަސްވުންތަކުގައި ހިއްސާވެ އިގުތިސޯދީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެ އެވެ.