ދުނިޔެ

އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ހަދަންޖެހޭ: ގަތަރު

އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ހަދަން ޖެހޭ ކަމަށް ގަތަރުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އައްސާނީ ވިދާޅުވެއްޖެ އެވެ.

ދޯހާ ކޮންފަރެންސް އިންޓަނޭޝަނަލް ފޯރަމްގައި ބިން އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ސަރަހައްދީ ރައްކާތެރި ކަމާއި މަސްލަހަތަށް ޓަކައި އީރާނާއެކު އުސޫލުތަކަކަށް އެއްބަސްވާން ޖެހެ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މަޝްވަރާ ކުރުން ދޫކޮށްލައިގެން ނުވާނެ އެވެ. ހަރުދަނާ އަދި ދެމެހެއްޓެނިވި ކޮންމެ ކަމެއްގެ ހައްލަކީ މަޝްވަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ މަސްލަހަތާއި ސަރަހައްދީ މަސްލަހަތުގެ އަސާސަކީ ވެސް މަޝްވަރާއަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުއިރުމައްޗަށް ޚާއްސަ ނިއުކްލިއާ އެއްބަސްވުމެއް އީރާނާއެކު އެކުލަވާލުމަށް ގަތަރުން އިސް ނަގާފައިވާއިރު، އީރާނާއެކު ނުސީދާކޮށް ނިއުކްލިއާ މަޝްވަރާތަކެއް އެމެރިކާއިން ވެސް ގެންދަނީ ކުރަމުންނެވެ.

އެމެރިކާ ކުރަން ބޭނުން ވެގެން އުޅޭ ކަމަކީ އީރާން ނިއުކްލިއާ ބާރަކަށް ވިއަ ނުދިނުމެވެ. ނިއުކްލިއާ ބޮމެއް އުފެއްދޭ ވަރަށް އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދި ނުކުރުމެވެ.

އެމެރިކާ އާއި އިރާން ކުރިން އަމަލުކުރި ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ޓްރަމް ސަރުކާރުން އުވާލާފައި އޮތް އޮތުން އަނބުރާ ގެނެސް ޖޯ ބައިޑަން މަސައްކަތް ކުރައްވަނީ އީރާނާއެކު އަލުން އެއްބަސްވުމެއް ހެދުމަށެވެ.

އިރާނާއި އެމެރިކާއިން އޭޕްރީލް 2021 އިން ފެށިގެން ކުރަމުން އަންނަ މަޝްވަރާތައް ކޮޅެއްގައި ޖެހިދާނެ ކަމަށް ބެލެވިފައި އޮއްވައި ގަތަރުން ވެސް މިއޮތީ ނިއުކްލިއާ މަޝްވަރާއެއް މުހިންމު ކަމަށް ބުނެފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރައްދީ ފެންވަރުގެ އެއްބަސްވުމެއް އީރާނާއެކު އޮންނަން ޖެހެނީ ޔުކްރޭނަށް ވަމުންދާ ގޮތް އެހެން ގައުމަށް ވިއަ ނުދިނުމަށެވެ.

ބިން އަބްދުއްރަހްމާން ވިދާޅުވީ މުޅި ދުނިޔެ ވެސް މިފަދަ ކަންކަނމާ ސަމާލުވާން ޖެހޭ ކަމަށާއި ނުފޫޒުގަދަ ބާރުތަކާއެކު ދެމިތިބުމަށް ސުލްހަވެރި އެއްބަސްވުންތަކެއް އޮންނަން ޖެހޭ ކަމަށެވެ.