ދުނިޔެ

އިޒްރޭލުގެ ޓޭންކަރަކަށް އިރާނުގެ ޑްރޯންތަކުން ހަމަލާދީފި

އެމެރިކާގެ އަސްކަރިއްޔާއާ ހަވާލާދީ ބީބީސީ ބުނާ ގޮތުން، އަރަބި ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް އިޒްރޭލުގެ ތެޔޮ ޓޭންކަރަކަށް އީރާންގެ ޑްރޯންތަކުން ހަމަލާދީފި އެވެ.

މި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން އަދި އީރާނުން ވެސް ވާހަކައެއް ނުދައްކަ އެވެ.

ބީބީސީ ރިޕޯޓްގައި ބުނާ ގޮތުން މި ހަމަލާގައި މާބޮޑު ގެއްލުމެއް ނުވެ އެވެ. އުޅަނދު މިހާރު ވެސް ދަތުރުކުރަނީ އެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގައި ދަތުރުކުރާ އުޅަނދު ފަހަރަށް އީރާންގެ ޑްރޯންތަކުން ހަމަލާދިނުމަކީ މިފަހުން ވަރަށް އާންމު ކަމެކެވެ. މި ފަހަރުގެ ހަމަލާ އަކީ ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނާ ގޮތުން އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސްއިން ދިން ހަމަލާއެކެވެ.

އެހެން ނަމަވެސް، އީރާނުން މިވާހަކަތައް ދޮގުކުރެ އެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގައި ސުލްހަ ބަހަލައްޓާ އެއްވެސް ޖަމިއްޔާއަކުން އަދި މި ޚަަބަރު ގެނެެސްދީފައެއް ނުވެ އެވެ.

މި ހަމަލާ ދީފައި މި ވަނީ ޔުކްރޭން ހަނގުރާމާގައި އީރާން ރަޝިއާ ކޮޅަށް ބުރަވެ ރޮކެޓާއި މިސައިލް އަދި ޑްރޯންތައް ރަޝިއާއަށް ފޮނުވާ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. އަދި އީރާންގެ މި އަމަލުގެ ސަބަބުން އެ ގައުމާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.

އީރާންގެ ނިއުކްލިއާ މަސައްކަތްތަކުގައި ހުޅަނގާއެކު ކުރެވޭ މަޝްވަރާތަކުގައި އަލިމަގެއް އޮތީ އަދި ވެސް އޮތް ތަނުގަ އެވެ. އީރާނުން ދޫނުދިނުމުގެ ސަބަބުން ނިއުކްލިއާ މަޝްވަރާތަކުގައި ބުރަކިޖެހިފައި އޮތްއިރު، މިކަމާ ގުޅިގެން ވެސް އީރާނަށް ވަނީ ދަތިކުރުންތައް އިތުރުވެފަ އެވެ.

އެހެންކަމަކު، މިސައިލާއި އަސްކަރީ ދަރަޖައިގެ ޑްރޯން އުފެއްދުން އީރާނުން ކޮންޓްރޯލެއް ނުކުރެ އެވެ. އަދި ޕްރޮކްސީތައް ބޭނުންކޮށް ސަރަހައްދުގައި ހަމަނުޖެހުން ހިންގަން ކުރާ އެއްވެސް ކަމެއް ހުއްޓާލާފައި ވެސް ނުވެ އެވެ.