ދުނިޔެ

ޔުކްރޭނަށް ފޮނުވާ ހަތިޔާރުތައް އިޒްރޭލު ބޯޑަރަށް، ނަތަންޔާހޫ ބިރުން

އެމެރިކާ އާއި ޔޫރަޕުން ޔުކްރޭނަށް ފޮނުވާ ހަތިޔާރުތައް އިޒްރޭލު ބޯޑަރުގައި ހަރަކާތްތެރިވާ ޖިހާދީ ޖަމާއަތްތަކަށް ލިބޭކަން ކަށަވަރު ކުރެވިއްޖެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ އަދި ވިދާޅުވީ މިއީ ނޫހެއްގައި ލިޔެފައި އޮތް ޚިޔާލީފޮލާއެއް ނޫން ކަމަށާއި ހަމަ ހަގީގަތުގައި ވެސް މިކަން ހިނގަމުން އެބަދާ ކަމަށެވެ.

އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ފޮނުވުމުގައި -- ހިސާބުކިތާބު ބެލެހެއްޓުމުގައި އޮޅުންއަރާފައި ހުރި ކަމަށް އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަނުން ވެސް ކުރިން ވަނީ ބުނެފަ އެވެ. ޔުކްރޭނަށް ފޮނުވާ ހުރިހާ ހަތިޔާރެއް އެ ގައުމަށް ލިބުނުކަން ކަށަވަރުކުރެވިފައި ނުވާ ކަމަށްވެސް ޕެންޓަގަނުން ބުންޏެވެ.

ނަތަންޔާހޫ ވިދާޅުވީ އެމެރިކާގައި އުފައްދާ ހަތިޔާރުތަކުން އިޒްރޭލަށް ހަމަލާދިނުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ޔުކްރޭނަށް ހަތިޔާރު ފޮނުވަން އިޒްރޭލުން ދެކޮޅުހެދި ސަބަބަކީ ވެސް މިއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ވަކިކޮޅެއް ނެގުމަށް ހުޅަނގުން ވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށްފަ އެވެ. އަދި އިޒްރޭލުގައި އުފައްދާ އަޔަންޑޯމް އެއާޑިފެންސް ސިސްޓަމް ޔުކްރޭނަށް ފޯރުކޮށްދިނުމަށް ވެސް އެ ގައުމުން އެދުނެވެ.

މިހެން ކަން ހިނގައި ދިޔަ ނަމަވެސް އިޒްރޭލަށް އޮތީ ހަދާނެ ގޮތް ހުސްވެފަ އެވެ. އެއީ އަނެއްކޮޅުން ރަޝިއާގެ އިންޒާރުތައް ވަރުގަދަވުމުގެ ސަބަބުންނެވެ.

ރަޝިއާގެ ސެކިޔުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަން ދިމިތުރީ މެޑަވެދޭފް އިޒްރޭލަށް އަމާޒުކޮށް ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހަތިޔާރާއި އަސްކަރީ އާލާތްތައް ފޯރުކޮށް ދިނުމަކީ ހަނގުރާމާގައި ސީދާ ބައިވެރިވުން ކަމަށް ބައްލަވާނެ ކަމަށެވެ. އަދި ރަޝިއާ އާއި އިޒްރޭލާ ދެމެދު އޮތް ގުޅުން އަލުން މުރާޖާކުރައްވާނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުން ޔުކްރޭނަށް ފޮނުވާ ހަތިޔާރަށް ވާނުވާ ނޭނގި އީރާނަށް ވަފާތެރި ގުރޫޕްތަކަށް ފޯރުމަކީ ބިރުވެރި ކަމެކެވެ. އިޒްރޭލުގައި އުފައްދާ ހަތިޔާރުން އިޒްރޭލަށް ހަމަލާދިނުމަކީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނަށް ފޮނުވާ ހަތިޔާރާއި އަސްކަރީ އަގުބޮޑު ސާމާނުން ބައެއް ޔޫރަޕްގެ ޖިހާދީ ޖަމާއަތްތަކަށް ޔުކްރޭންގެ ޖެނެރަލުން ވިއްކާ ވާހަކަ އަކީ ވެސް ފަރުދާގެ ފަހަތުގައި އޮތް ސިއްރެން ނޫން ކަމަށް ރަޝިއާއިން ވަނީ ކުރިން ވެސް ބުނެ އިންޒާރު ދީފަ އެވެ.

ޔުކްރޭނަށް ފޮނުވާ ބައެއް ޓޭންކަރުތައް ވެސް ޖިހާދީ ޖަމާއަތްތަކަށް ޔުކްރޭނުން ވިއްކާފައިވާ ކަމަށް ރަޝިއާ ބުނެ އެވެ.

މިއީ ތުހުމަތެއް ނޫން ކަމަށް ރަޝިއާއިން ހަރުއަޑުން ބުނެ ވަނީ ދުނިޔެއަށް އިންޒާރު ވެސް ދީފަ އެވެ.