ދުނިޔެ

ޔުކްރޭނަށް ހަތިޔާރު ފޮނުވަން ގަންޒް އާއި ނަތަންޔާހޫ ދެކޮޅު ހައްދަވައިފި

އިޒްރޭލުން ޔުކްރޭނަށް ހަތިޔާރު ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތަކަށް ރައްދު ދެއްވައި ރަޝިއާގެ ސެކިޔުރިޓީ ކައުންސިލްގެ ނައިބު، ދިމިތުރީ ވިޑްވީޑެފް ވިދާޅުވީ މޮސްކޯ އާއި ޓެލްއަވީވްއާ ދެމެދު އޮތް ގުޅުން ޚަރާބު ކުރުމުގެ ނިޔަތުގައި ނޫނީ އިޒްރޭލުން އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

ދިމިތުރީ ވިޑްވީޑެފް ވިދާޅުވީ އިޒްރޭލަކީ ޒަމާނީ ހަތިޔާރު އުފައްދާ ގައުމެއްކަން ރަޝިއާ ދަންނަ ކަމަށެވެ. އެހެނެއް ކަމަކު، ރަޝިއާއާ ދެކޮޅަށް ބާރުގަދަ އަސްކަރީ އުފެއްދުންތައް ބޭނުންކުރަން ހުއްދަ ދިނުމަކީ މިޑްވީޑެފް ވިދާޅުވި ގޮތުގައި އެކަމުގެ ހިތިރަހަ ލާނެ ކަމެއްކަން އިޒްރޭލު ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ.

ރަޝިއާގެ މި އިންޒާރާ ގުޅިގެން އިޒްރޭލަށް ސިހުން ލިބި ވަނީ ބައްވެފަ އެވެ. ސިޔާސީ ލީޑަރުން ވެސް ބިރުގެން މިކަމާ ދެކޮޅަށް ދަނީ ވާހަކަ ދައްކަމުންނެވެ. ޔުކްރޭނަށް ހަތިޔާރު ފޮނުވައިގެން ނުވާނެ ކަމަށް ބުނެ ރޭޑިއޯ އާއި ޓީވީގައި ހޫނު ބަހުސްތައް ވެސް އެބަ ކުރިއަށް ދެއެވެ.

ޚަބަރުތައް ބުނާ ގޮތުން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގަންޒް އާއި ކުރީގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަނީ ޔުކްރޭނަށް ހަތިޔާރު ފޮނުވުމާ ދެކޮޅު ހައްދަވައި ލޯކަލް މީޑިއާއަށް ބަޔާނެއް ދެއްވާފަ އެެވެ.

އިޒްރޭލުގެ މިސައިލް ޑިފެންސް ސިސްޓަމް -- އަޔަން ޑޯމް ޔުކްރޭނަށް ފޮނުވުމާ ގުޅޭ ގޮތުން ބެނީ ގަންޒް އާއި ޔުކްރޭންގެ ޑިފެންސް މިނިސްޓަރު އަލެކްސީ ރިޒްނީކޮފް ފޯނުން ކުރަންވަން ހަމަޖެއްސި މަޝްވަރާ ވެސް ވަނީ އިޒްރޭލުން ކެންސަލްކޮށްފަ އެވެ.

ބެނީ ގަންޒް އާއި އަލެކްސީ ރިޒްނީކޯފް ފޯނު ކޯލު މި ވަގުތަށް ކުރިއަށް ނުގެންދެވުމަށް ގަންޒް ހަމަޖައްސަވާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ޔައީރު ލަޕީދު އާއި ޔުކްރޭންގެ ފޮރިން މިނިސްޓަރު ދިމިތުރީ ކުލެބާ ވެސް އޮތީ ފޯނުން މަޝްވަރާ ކުރައްވާ ގޮތަށެވެ. ރަޝިއާގެ އިންޒާރާ ގުޅިގެން މި ދެބޭފުޅުން ވެސް ދެން މަޝްވަރާ ކުރައްވާނީ އެހެން މައުލޫއަކަށް ކަމަށް ބުނެވެ އެވެ.

އިޒްރޭލުގެ ސެކިޔުރިޓީ ޕްރޮޓޮކޯލްތަކުގެ ތެރެއިން މީޑިއާއަށް ލީކުވެފައި ހުރި ވާހަކަތަކުން އެނގޭ ގޮތުގައި އިޒްރޭލުން މިއިން ޒަމާނަކު ވެސް ޔުކްރޭނަށް ހަތިޔާރު ނުފޮނުވާނެ އެވެ. އޭގެ ތެރޭގައި އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް ވެސް ހިމެނެ އެވެ.

ބެނީ ގަންޒް ވިދާޅުވި ކަމަށް ނޫސްތަކުން ބުނަނީ އިޒްރޭލުން ޔުކްރޭނަށް ހަތިޔާރު ނުވިއްކާނެ ކަމަށެވެ. އޭގެ ބަދަލުގައި އިންސާނީ އެހީތެރިކަމުގެ ގޮތުން ޔުކްރޭނަށް އެހީވުމުގައި އިޒްރޭލު ދެމިއޮންނާނެ ކަމަށެވެ.

އިޒްރޭލުން އެހެން ގައުމަކަށް -- އެއީ ޔުކްރޭން ކަމަށްވި ނަމަވެސް އިޒްރޭލުގައި އުފައްދާ ހަތިޔާޜު، ޚާއްސަކޮށް އަޔަން ޑޯމް އެގައުމުން ބޭރުކުރުމަކީ ގައުމީ ނުރައްކަލެއް ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ނަތަންޔާހޫ ދެކެވަޑައި ގަަންނަވާ ގޮތުގައި އަޔަން ޑޯމްގެ ހަގީގަތް އީރާނަށް އެނގިދާނެ އެއްވެސް ފިޔަވަޅެއް އިޒްރޭލުން ނާޅާނެ އެވެ.