ޔުކްރޭނަށް ހޭދަކުރަން ހުރި ފައިސާ މުޅިން ޚަލާސްވެއްޖެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
ބްލިންކެން އަދި ވިދާޅުވީ ޔުކްރޭނަށް ދޭނެ ފައިސާއެއްވެސް ނެތް ކަމަށާއި ފައިސާ ހޯދަން ހޭދަކުރާނެ ވަގުތެއްވެސް އެމެރިކާއަށް ނެތް ކަމަށެވެ.
ދުނިޔޭގައި ހިނގާ ހުރިހާ ކަމަކަށް ގޮތްކިޔަން ހަދައިގެން އަދި ދުނިޔޭގައި އިބިލީހެއްގެ ރޯލު ކުޅެން ހަދައިގެން އެމެރިކާ މިހާރު އޮތީ ވާނުވާ އޮޅިފަ އެވެ. ކުރަން ޖެހިފައި ހުރި ހޭދަ އިތުރުވެ މުހިންމުކަން ދޭނެ ދިމާއެއް ވެސް އެމެރިކާއަށް މިހާރަކު ނޭނގެ އެވެ.
ޗައިނާގެ ބޮލަށް އަރައިގަތުމަށް ޓައިވާންގެ އަސްކަރިއްޔާ ތަމްރީންކުރުމާއި ހަތިޔާރު ސަޕްލައިކުރުން، ފަލަސްތީނަށް ސުންނާފަތިކުރުމަށް ޒަޔަނިސްޓު ޔަހޫދީންނަށް މަދަދުވެރިވުން އަދި ރަޝިއާއާ ދެކޮޅަށް ޔުކްރޭން ލައްވައި ހަނގުރާމަ ކުރުމަކީ ވެސް އެމެރިކާ އަޑީގައި އޮވެގެން ކުރުވާ ކަންކަމެވެ.
އަދި މީގެ އިތުރުން ނޭޓޯއަށް ޚަރަދުކުރުމާއި، ސީރިއާ އާއި އީރާގަށް ފާރަވެރިވުން އަދި ރަތްކަނޑުގައި ހޫސީން މައިތިރިކުރުމަކީ ވެސް އެމެރިކާއަށް ކުރިމަތިވެފައި ހުރި ދަތި އުނދަގޫތަކެވެ.
ބްލިންކެން ވިދާޅުވި ގޮތުން ޖޯ ބައިޑަންގެ ސަރުކާރަށް ފައިސާ ލިބެނީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ދުވަހަކުންނެވެ. މަޖިލީހުން ހުއްދަދޭ ފައިސާ ހުސްވުމުގެ ކުރިން އިތުރު ފައިސާއަށް އެދުނު ނަމަވެސް، އެކަން އޮންނަނީ ވަގުތަށް ނުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ބައިޑަން ސަރުކާރަކީ ފައިސާ ޖަހާ މެޝިނެއް ނޫން ކަމަށާއި ޖާދޫގަރުން ފައިސާ ނަގާ ކަހަލަ ޖަގެއް ބައިޑަން ސަރުކާރަށް ލިބިފައި ނުވާ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
ކުރިއަށް އޮތީ ފިނި މޫސުން ކަމަށް ވިދާޅުވެ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އިދާރާގެ ތަރުޖަމާނު، ޖޯން ކާބީ ވިދާޅުވީ މަޖިލީހުން ހުއްދަ ދޭހާ ދުވަހެއް ވަންދެން އެމެރިކާއަށް -- ބައިޑަން ސަރުކާރަށް މަޑުކުރެވެން ނެތް ކަމަށެވެ.
ފިނި މޫސުމަކީ ރަޝިއާ ސިފައިންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ރަޝިއާ ސިފައިންގެ ހަރަކާތްތަކަށް ފިނި މޫސުމުގައި ވެސް ހުއްޓުމެއް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް ކިތަންމެ ބޮޑު ހޭދައެއް ކުރި ނަމަވެސް، ހޭދަކުރުން ލަސްވާ ކޮންމެ ފަހަރަކު އެމެރިކާ އަކީ ޔުކްރޭނަށް އަޅާލާ ބައެއް ކަމަށް ނުދެކޭ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޖޯން ކާބީ ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ ޔުކްރޭނަށް ވޭންގަދަ ފިނި މޫސުމަކަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހާއިރަށް ދޭނެ ފައިސާއެއް އެމެރިކާއަށް ނުލިބުމަކީ ވަރަށް ގާތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.