ރަޝިއާއަށް ރައްދު ހަމަލާދެވޭ ވަރަށް ޔުކްރޭންގައި ހަތިޔާރު ނެތް ކަމަށް ބުނެ ކިޔެވްއިން ވަނީ ހަތިޔާރު ފޯރުކޮށް ދިނުމަށް ގައުމުތަކުގައި އެދިފަ އެވެ.
މިގޮތުން ޒަމާނީ ހަތިޔާރު -- މިސައިލް ޑިފެންސް ސިސްޓަމް ވެސް ހިމެނޭ ގޮތުން، އަސްކަރީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ޔުކްރޭން ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުގެ ކިބައިންވެސް ވަނީ ތަކުރާރުކޮށް އެދިފަ އެވެ.
ޔުކްރޭންގެ އެދުމަށް ވަކި ޖަވާބެއް ނުދީ އޮތުމަށްފަހު އިޒްރޭލުން މިހާރު ބުނަނީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަގުތު ޖެހިއްޖެ ކަމަށެވެ.
އެހެންނަމަވެސް އިޒްރޭލުގެ މިނިންމުމަށް ރަޝިއާ ވަރަށް ބޮޑަށް ދެކޮޅު ހަދަ އެވެ. ޔުކްރޭނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރަޝިއާއިން ވަނީ ބުނެފަ އެވެ.
ރަޝިއާގެ ސެކިޔުރިޓީ ކައުންސިލްގެ ނައިބު، ދިމިތުރީ ވިޑްވީޑެފް ވިދާޅުވީ މޮސްކޯ އާއި ޓެލްއަވީވްއާ ދެމެދު އޮތް ގުޅުން ހަލާކުކޮށްލަން އިޒްރޭލު އިޚްތިޔާރު ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އިޒްރޭލަކީ ޒަމާނީ ހަތިޔާރު އުފައްދާ ގައުމެއް ކަމަށާއި ރަޝިއާއާ ދެކޮޅަށް އެފަދަ އުފެއްދުންތައް ބޭނުންކުރަން ހުއްދަ ދިނުމަކީ ފަހުން ހިތާމަކުރާނެ ކަމެއް ކަމަށެވެ.
އިޒްރޭލުން ޔުކްރޭން ކޮޅަށް ޖެހި އެމެރިކާ އާއި ނޭޓޯ ފަދައިން ޔުކްރޭން ހަނގުރާމައަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ނިންމުން ދެތިން ގޮތަކަށް މާނަކުރެވެ އެވެ. މިއީ އިޒްރޭލުން ކީއްވެ ކުރި ކަމެއްކަން ކޮންމެވެސް ވަރަކަށް ސާފުވެ އެވެ.
އީރާންގައި އުފައްދާ އަސްކަރީ ޑްރޯން އާއި ބެލިސްޓިކް މިސައިލް މޮސްކޯއަށް ފޮނުވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ހަމަ ހުސް ވާހަކަތަކެއް ނޫން ކަމަށް ބުނެ އިޒްރޭލުގެ ގާނޫން ހަދާ މަޖިލީހުގައި ވަނީ ބަހުސް ކޮށްފަ އެވެ.
އީރާނުން ރަޝިއާއަށް ބާރުގަދަ ހަތިޔާރު ފޮނުވާއިރު އިޒްރޭލު ހިމޭނުން އޮންނަނީ ކީއްވެތޯ މެމްބަރުން ވަނީ ސުވާލުކޮށްފަ އެވެ.
އެމެރިކާ އާއި ނޭޓޯއާ ބައިވެރިވެ ޔުކްރޭން ހަނގުރާމަ ކޮޅެއްގައި ޖައްސަން ޖެހިފަޢިވާ ކަމަށްވެސް ޕާލިމެންޓް މެމްބަރުން ވަނީ ބުނެފަ އެވެ.
ޔުކްރޭން ކޮޅަށް ބުރަވުމުގައި އިޒްރޭލުގެ އޮތް އަނެއް ސަބަބަކީ ރަޝިއާ އާއި ފަލަސްތީނާ ދެމެދު އޮތް ގުޅުމެވެ.
ކަޒަކިސްތާންގެ ވެރިރަށް، އާސްތާނާގައި އޮތް "އިންޓަރެކްޝަން އެންޑް ކޮންފިޑެންސް ބިލްޑިން މެޝާސް" ކޮންފަރެންސްގެ ހަވާސާގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައި ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ވަނީ ޕޫޓިންއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.
އައްބާސް އަދި ވިދާޅުވީ ފަލަސްތީން، އިޒްރޭލު މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ނަމުގައި މަސައްކަތްކުރާ އެމެރިކާ އަކީ ބޭކާރު ބައެެއް ކަމަށެވެ.
ފަލަސްތީނަށް ރަނގަޅު ގޮތެއް ހޯދައިދެވޭތޯ ރަޝިއާއިން މާބޮޑަށް -- މާބުރަކޮށް މަސައްކަތް ކޮށްދޭ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.