ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް ރޝިއާއަށް ވަޑައިގަންނަވަނީ އެވެ.
އައްބާސްގެ މި ދަތުރަށްޓަކައި ރަޝިއާ ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި އެވެ.
މަހްމޫދު އައްބާސްގެ ތާވަލްގައި އޮތް ގޮތުން ރަޝިއާ ދަތުރަށް އޮތް ތާރީހާކީ އޯގަސްޓް 12-14 އެވެ.
ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން އައްބާސްގެ ދަތުރަށް ރަޝިއާ އޮތީ ތައްޔާރަށެވެ.
ރައީސް ލަޑިމިއާ ޕޫޓިން ވެސް ހުންނެވީ އައްބާސްއާ ބައްދަލުކުރެއްވުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވެފައި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އައްބާސްގެ މި ދަތުރަކީ ބެލެވޭ ގޮތުގައި ޣައްޒާގެ ވެރިކަން ފަލަސްތީން އޮތޯރިޓީއަށް އަނބުރާލެއްވުމަށް ކުރައްވާ ކެމްޕޭނެކެވެ.
ފަލަސްތީންގެ ޣައްޒާގައި ވެރިކަން ކުރަނީ ހަމާސްއިންނެވެ. ހަމާސްގެ ލީޑަރަކީ އިސްމާއީލް ހަނިއްޔާ އެވެ. އޭނާ ވަނީ އީރާންގައި ހުއްޓައި އިޒުރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލާފަ އެވެ.
އައްބާސް ދެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާގެ ވެރިކަން ފަލަސްތީން އޮތޯރިޓީއަށް އަނބުރާލުމަށް މިއީ އެކަށީގެންވާ ރަނގަޅު ދަނޑިވަޅެކެވެ. މިކަމަށްޓަކައި ނުފޫޒުގަދަ ބައެއް ގައުމުތަކުގެ ރުހުންވެސް އައްބާސް ބޭނުންފުޅުވާނެ އެވެ.
ހަމާސްގެ ލީޑަރުގެ މަރާ ގުޅިގެން އައްބާސް ވަނީ ޣައްޒާގެ ވެރިކަން ބޭނުންފުޅު ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ޣައްޒާ ދެން އާރާސްތުކުރެވޭނީ ފަލަސްތީން އޮތޯރިޓީގެ ޒިންމާގައި ކަމަށެވެ.
ރަޝިއާގެ ނޫސްތަކަށް އައްބާސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަޝިއާ އަކީ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި ފަލަސްތީންގެ ކުރިމަގާ ބެހޭ ގޮތުން ރައީސް ޕޫޓިންއާ އަބަދުވެސް މަޝްވަރާކުރައްވާ ކަމަށެވެ.
އައްބާސްގެ މި ދަތުރުގައި ފަލަސްތީނަށް ދައުލަތެއްގެ ޝަރަފު ހޯއްދެވުމަށް މަސައްކަތްކޮށް ދެއްވުމަށް ޕޫޓިންއަށް ދަންނަވާނެ އެވެ. އަދި މާލީ ގޮތުން ފަލަސްތީން އެހީ ހޯދުމަށްވެސް ޕޫޓިންއަށް ދަންނަވާނެ އެވެ.
ރައީސް ޕޫޓިން މީގެ ކުރިން ދެއްކެވި ވާހަކައެއްގައި، ފަލަސްތީނަށް ދައުލަތެއް ލިބިއްޖެނަމަ އާރާސްތުކުރުމުގައި ރަޝިއާގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފަލަސްތީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.