ދުނިޔެ

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް މިއަދު ސްޕޭނަށް

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސް މިއަދު ސްޕޭނަށް ވަޑައިގަންނަވާނެ އެވެ. އެއީ ފަލަސްތީންއާ މެދު މެޑްރިޑުން ހާމަކޮށްފައި އޮތް ސާދާ ބަސްތަކަށް ޝުކުރު އަދާކުރެއްވުމަށް ކަމަށް ހަބަރުތައް ބުނެ އެވެ.

ސްޕޭނުން ދެކޭ ގޮތުގައި ފަލަސްތީން ވާން ޖެހޭނީ މިނިވަން ދައުލަތަކަށެވެ. އަދި މިނިވަން ދައުލަތަކާ މެދު ސްޕޭނުން އަމަލުކުރާ ގޮތަށް ފަލަސްތީންއާ މެދު އަމަލުކުރާނެ ކަމަށްވެސް މެޑްރިޑުން އޮތީ ބުނެފަ އެވެ.

ސްޕޭންގެ މި ބުނުމާ އެކު ފަލަސްތީންގެ ސަފީރެއް ވެސް މިހާރު ވަނީ މެޑްރިޑަށް ފޮނުވާފަ އެވެ. އަދި މިނިވަން ދައުލަތެއްގެ ސަފީރުންނާ މެދު މުއާމަލާތްކުރާ ބީދައިން -- ފަލަސްތީން ސަފީރާ އެކުވެސް މެޑްރިޑުން މުއާމަލާތްކުރާނެ އެވެ.

އައްބާސްގެ މި ދަތުރުގައި ސްޕޭންގެ ރަސްގެފާން ފެލިޕެ ހަވަނައާ ބައްދަލުކުރައްވައި ފަލަސްތީންގެ ކުރިމަގާ މެދު މަޝްވަރާކުރައްވާނެ އެވެ. އަދި މެދުއިރުމަތި އަމާން ތަނަކަށް ހެދުމަށް ނުފޫޒުގަދަ ސަރުކާރުތަކަށް ޕްރެޝަރުކުރެއްވުމަށް ދަންނަވާނެ އެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސްގެ ހަނގުރާމަވެރިން އިޒުރޭލުގެ ބޯޑަރުތައް ހުރަސްކޮށް ޔަހޫދީ އާބާދީތަކަށް ވަދެގަތުމާ ގުޅިގެން ފެށުނު ޣައްޒާ ހަނގުރާމައިގެ ތެރޭގައި، މަހްމޫދު އައްބާސް ވަނީ ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފަ އެވެ.

ޗައިނާ އަށާއި ރަޝިއާއަށް ވަޑައިގެން މަތީ ފެންވަރުގެ ވެރިންނާ ވެސް އައްބާސް މަޝްވަރާކުރެއްވި އެވެ.

ޗައިނާއަށް ވަޑައިގެން ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ޣާއްޒާ ހަނގުރާމަ ހުއްޓުވައިދެއްވުމަށް މަސައްކަތްކުރެއްވުމަށް އައްބާސް، ޝީއަށް ދެންނެވި އެވެ.

ރަޝިއާއަށް ވަޑައިގެން ވެސް އައްބާސް ބަސްވިދާޅުވީ ހަމަ އެއް މޭރުމަކުންނެވެ. އަދި ސައޫދީއަށް ވަޑައިގެން މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައި ޣައްޒާގެ ތަރައްގީއަށް ހޭދަކޮށްދެއްވުމަށް އައްބާސް ދެންނެވި އެވެ.