ފަލަސްތީނު އޮތޯރިޓީގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ އެކުލަވާލައްވާފައި އޮތް ސަރުކާރުގެ އިސްތިއުފާ ރައީސް މަހްމޫދު އައްބާސްއަށް ހުށަހަޅުއްވައިފި އެވެ.
ޝްތައްޔާ އިސްތިއުފާ ދެއްވި ސަބަބެއް ސީދާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ފަލަސްތީން އޮތީ ސިޔާސީ ބަދަލަކަށް ބޭނުންވެފައި ކަމަށް ވިދާޅުވި އެވެ. އަދި ހަމާސްއިން ކުރާ ހަނަގުރާމައިގައި ފަލަސްތީން އެހެން މިސްރާބަކަށް ދަތުރުކުރަން ޖެހިފައި އޮތް ކަމަށް ވިދާޅުވި އެވެ.
ފަލަސްތީންގައި އޮންނަން ޖެހޭނީ ގިނަ ބައެއްގެ ބައިވެރިވުން ހިމެނޭ ސަރުކާރެއް ކަމަށްވެސް ޝްތައްޔާ ވިދާޅުވި އެވެ. އިސްތިއުފާ ދެއްވި ސަބަބުތަކުގެ ތެރޭގައި އާ ސަރުކާރަކާ އެކު ފަލަސްތީން އާ މިސްރާބަކަށް ދަތުރުކުރުމުގެ އުއްމީދު އޮތް ކަމަށް ވިދާޅުވި އެވެ.
ޝްތައްޔާ މީގެ ކުރިން ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. ފަލަސްތީންގައި ސަރުކާރެއް އެކުލަވާއިރު ހަމާސް އަކީ ފަލަސްތީންގެ ސިޔާސީ މަންޒަރުގެ ބަޔަކަށް މިހާރު ހަދަން ޖެހޭ ކަމަށްވެސް އޭނާ ކުރިން ވިދާޅުވި އެވެ.
ގަތަރުގައި އޮތް ދޯހާ ފޯރަމްގައި ވާހަކަދައްކަވަމުން ޝްތައްޔާ ވިދާޅުވީ ހަމާސް ނައްތާލާނެ ކަމަށް ޒަޔަނިސްޓް އިޒުރޭލުން ކިތަންމެ ވަރަކަށް ގޮވައި ބިރުދެއްކިއެއް ކަމަކު އެއީ ވާނެ ކަމެއް ނޫން ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަލަސްތީން އޮތޯރިޓީގެ ހިންގުން އަލުން އެކުލަވާލުމަށް އެމެރިކާއިންވެސް ރައީސް މަހްމޫދު އައްބާސްއަށް ޕްރެޝަރު ކުރެ އެވެ. އެމެރިކާ އެދޭ ގޮތަށް ފަލަސްތީންގެ ހިންގުން ބަދަލުކުރުމަކީވެސް މަންޒަރުގެ ފަހަތުގައި ކުޅޭ ޑްރާމާ އެކެވެ.
ޣައްޒާ ހަނގުރާމައަށްފަހު ފަލަސްތީން އޮންނާނެ ގޮތް -- އެމެރިކާ އަދި އިޒުރޭލުންވެސް ދަނީ ތަަސައްވުރު ކުރަމުންނެނެވެ. އެމެރިކާ ބޭނުންވާ ގޮތަކީ ހަމަ މިހާރުވެސް އޮތް ގޮތަށް ފަލަސްތީން އޮތޯރިޓީ ސަރުކާރު ހިންގުމެވެ.
އިޒުރޭލުން ބުނާ ގޮތުން ހަނގުރާމައަށް ފަހު ޣައްޒާ ކޮންޓްރޯލްކުރާނީ ޔަހޫދީ ސަރުކާރުންނެވެ. ޣައްޒާގައި ވެރިކަންކުރަން ފަލަސްތީން އޮތޯރިޓީއަށް ދޫކޮށް ނުލާނެ ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.