ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންދެ މަޝްވަރާ ކުރައްވައިފި އެވެ. މިކަން ރަޝިއާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއް މެދުވެރިކޮށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިޒްރޭލު ސިފައިން ފަލަސްތީންގެ އާންމުނަށް އަނިޔާ ކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އިތުރު ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް ޕޫޓިން އެދިވަޑައިގެންނެވި ކަމަށް ބަޔާނުގައި ވެއެވެ.
ފަލަސްތީން އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި އާންމުންނަށް އަނިޔާ ކުރުން ހުއްޓުވޭނެ ގޮތެއް އޮތްތޯ ބައްލަވައި ދެއްވުމަށް އައްބާސް އެދިވަޑައިގެންނެވި އެވެ. އަދި ހަމަނުޖެހުންތައް ފުޅާވެ ހަނގުރާމައެއްގެ ސިފަ ޖެހިގެން ހިނގައިދާނެ ކަމަށް ބިރުފުޅު ގަންނަ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
ފަލަސްތީން - އިޒްރޭލު ސުލްހައަށް ބާރުއެޅުމަށް 2002 ގައި މެޑްރިޑްގައި އެއްބަސްވި ގޮތަށް އދ. އާއި ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި ރަޝިއާ މެދުވެރިވެގެން ސީދާ މަޝްވަރާތައް އަލުން ފަށަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ރަޝިއާއިން ފަލަސްތީނަށް އެހީތެރިވެ ދެއްވާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. ފަލަސްތީންގެ އިގުތިސޯދާއި އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރެވެން ހުރި ފުރުސަތުތަކަށް އެއްބާލުން ދެއްވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
މެދުއިރުމަތީގައި ސުލްހަ ގާއިމު ކުރުމަށް ދުނިޔޭގެ ލީޑަރުންނާއެކު ޕޫޓިން މިހާރު ވެސް މަޝްވަރާ ކުރައްވާ ކަމަށް ބަޔާނުގައި ވެއެވެ. ދުނިޔެ އެއްބާރުލުން ދީފި ނަމަ މެދުއިރުމަތި ސުލްހަވެރި ސަރަހައްދަކަށް ވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.